Tuesday, August 27, 2019

Guidance n Counselling


ފިހުރިސްތު



ތަޢާރަފް:

މި އެސައިންމަންޓުގެ މައިގަނޑު މަޤްޞަދަކީ ކައުންސެލިންގ ދިނުމުގައި ބޭނުންކުރެވޭ ތިއަރީތަކާއި ކައުންސެލިންގ ގައި ބޭނުންކުރެވޭ ހަރުފަތްތަކާއި ކައުންސެލިންގއަކީ ކޮބައިކަން އެނގުމާއެކު ކައުންސެލިންގ ދޭ ފަރާތުގެ ކިބައިގާ ހުންނަންޖެހޭ ސިފަތަކާއި، އޭނާގެ ދައުރާއި އަދި އޭނާގެ ކިބައިގާ ހުންނަންޖެހޭ ހުނަރުތައް އެނގުމެވެ. އަދި މީގެ އިތުރުން މައްސަލަތައް ހުންނަ ދަރިވަރުންނާއި ނުވަތަ ފަރާތްތަކާއި މުޢާމަލާތް ކުރާނެ ގޮތްތައް އެނގުމެވެ.
އެސައިންމަންޓުގައި ބަލާލައިފާވާނީ ކައުންސެލިންގއަކީ ކޮބައިކަމާއި، ކައުންސެލިންގ ސެޝަން ކުރިއަށް ގެންދިއުމުގައި ބޭނުންކޮށްފައިވާ ތިއަރީތަކާއި، ސެޝަން ކުރިއަށްދިޔަ ގޮތް ނުވަތަ ހަރުފަތްތައް، ބޭނުންކުރި އިންޓަރވެންޝަން، އިންޓަރވެންޝަން ބޭނުންކުރި ސަބަބު އަދި އިންޓަރވެންޝަން ބޭނުންކުރެވޭނެ ހާލަތްތަކާއި އަދި ބޭނުންކުރާނެ ގޮތްތަކެވެ.











މައިގަނޑު:

ކައުންސެލިންގ އަކީ ކޮބާ؟

    ކައުންސެލިންގ އަކީ މައްސަލަ ޙައްލުކުރުމަށް އެހީތެރިވެދިނުމެވެ. މަގުދައްކައިދިނުމެވެ. ވަކި ހަމަތަކަކާ އުޞޫލުތަކަކާއި ވަކި މާހައުލެއް ޤާއިމްކޮށްދީގެން ކުރާ ކަމެކެވެ. އަދި މިއީ ކައުންސެލަރ އާއި ކްލައިންޓާއި ދެމެދު އޮންނަ ގުޅުމެކެވެ. އެހީތެރިވުމުގެ ގުޅުމެކެވެ. ކްލައިންޓާއި މުޢާމަލާތްކުރަންވާނީ އެކަމަށް އެންމެ އެކަށޭނެ މާހައުލެއްގަ އެވެ. ކައުންސެލަރ މަސައްކަތް ކޮށްދޭނީ ކްލައިންޓްގެ އިޙްސާސްތައް ދުޅަހެޔޮގޮތުގައި ޤާއިމްކޮށްދިނުމަށެވެ. ސައިކޮލޮޖިކަލް މައްސަލަތައް ހައްލުކޮށްދިނުމަށް އެހީތެރިވުމަކީ ވެސް ކައުންސެލަރ ކޮށްދޭނެ ކަމެކެވެ ޢާއިޝަތު މުޙައްމަދު ދީދީ (2019).
      ޕްރޮފެޝަނަލް ކައުންސެލިންގ އަކީ ތިއަރީތަކަކަށް ބިނާކޮށް ކުރުމުއްދަތަކަށް، ކަނޑައެޅިގެން ކުރަންވީކަންތައް ބުނެނުދީ ކްލައިންޓަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުމެވެ. މިގޮތުން ސްޓަރަކްޗަރ ޕްރޮސެސްގެ ތެރޭގައި ހިމެނެނީ؛ ކައުންސެލަރ ޕްރޮފެޝަނަލީ ތަމްރީނުކުރެވިފައިވުމާއި، ކްލައިންޓުންނަށް އެހީތެރިވުމާއި، ވާހަކަ ދެއްކުމުގެ ތެރެއިން އެހީތެރިވުމާއި އަދި ރަނގަޅު މާހައުލެއްގައި ކްލައިންޓަށް އެހީތެރިވުމެވެ. ސްޓްރަކްޗަރޑް ފިޒިކަލް ސެޓިންގ ތެރޭގައި ހިމެނެނީ ސިއްރު ހިފެހެއްޓުމާއި، ކައުންސެލަރ އެއް ހިފަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓުމާއި އަދި ކްލައިންޓުގެ މަޤްޞަދު ޙާޞިލްކޮށްދިނުމެވެ ޢާއިޝަތު މުޙައްމަދު ދީދީ (2019).
      ކައުންސެލިންގގެ އެކިވައްތަރުތައް ހިމެނެ އެވެ. އޭގެތެރޭގައި ކިޔެވުމާގުޅޭ ގޮތުންދެވޭ ކައުންސެލިންގ ( އެޑިއުކކޭޝަނަލް ކައުންސެލިންގ )، މަޢުލާމާތު ފޯރުކޮށްދިނުމަށް ދެވޭ ކައުންސެލިންގ ( އިންފޮރމޭޓިވް )، އާއިލީ ކައުންސެލިންގ ( ފެމިލީ )، މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ދެވޭ ކައުންސެލިންގ (ރިހިބިލިޓޭޓިވް )، ލައިފް ކޯޗިންގ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ދެވޭ ކައުންސެލިންގ ( މެންޓަލް ހެލްތު )، ކައިވެންޏާއި ބެހޭގޮތުން ދެވޭ ކައުންސެލިންގ ( މެރިޖް ކައުންސެލިންގ ) އަދި މަސްތުވާތަކެއްޗާއި، ރަލާއި އަދި ޖުވާ ކުޅޭ މީހުންނަށް ދެވޭ ކައުންސެލިންގ ( އެޑިކްޝަނަލް ކައުންސެލިންގ ) ހިމެނެ އެވެ ޢާއިޝަތު މުޙައްމަދު ދީދީ (2019).
      މުހިއްމު އެއްޗެއްގެ ގޮތުގައި ކައުންސެލިންގ ވެގެންދިޔައީ މުޖުތަމަޢު ތަރައްޤީވެ ތަހުޒީބުވެ އެކިއެކި މައްސަލަތައް ގިނަވުމުންނެވެ. މަސައްކަތްކުރާ މާހައުލުގަ އާއި، ޢާއިލާގެ ތެރޭގަ އާއި، ސްކޫލްގެ ތެރޭގަ އާއި އަދި މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި ކައުންސެލިންގ ބޭނުންވާ މީހުން އުޅޭތީ އެވެ. މީގެ އިތުރުން ނަފްސާނީ އަދި ޢިޖްތިމާޢީ މައްސަލަތައް މުޖުތަމަޢުގައި ގިނަވެ ޢާއްމުވުމުގެ ސަބަބުން ފަރުދީގޮތުން ހާސްވެ، ފިކުރު ބޮޑުވެ އަދި ކަންބޮޑުވުމާގުޅިގެން ވެސް ކައުންސެލިންގ ބޭނުންވެ އެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކުން ސަލާމްތްވުމަށް އަދި އެކަން ކަމުން އަރައިގަތުމަށް ވެސް ކައުންސެލިންގ ބޭނުންވެ އެވެ.
      ފްރޭންކް ޕަރސަން، ޖެސީ.ބީ.ޑޭވީސް އަދި ކްރިފަޑް ބިއާޒް އާ ހަވާލާދީ ޢާއިޝަތު މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި ކައުންސެލިންގ ފެށިގެންއައީ ނަޞޭޙަތް ދިނުމުގެ ތެރެއިން ނުވަތަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިންނެވެ. އިންޑަސްޓްރިއަލް ރިވޮލިއުޝަން 1880 އާއި 1900ގެ ތެރޭގައި ކައުންސެލިންގ ފެށިގެން އައެވެ. އެ ދުވަސްވަރު ކައުންސެލިންގ އުފެދިގެން އައުމަށް ބާރުއަޅާ ކަންތަކުގެ ތެރޭގައި ހިމެނެނީ ނެޝަނަލް ވޮކޭޝަނަލް ގައިޑެންސް އެސޯސިއޭޝަން އާއި ދަ ސްމިތު ހިއުސް އެކްޓް 1917 އާއި ފުރަތަމަ ބޮޑު ހަނގުރާމައާއި، ތަޢުލީމުދިނުމާއި، ސަރޓިފިކޭޓް ދިނުމާއި އަދި ކައުންސެލިންގ ގެ ފުރަތަމަ ތިއަރީ އުފެދުން ވެސް ހިމެނެ އެވެ. ޢާއިޝަތު މުޙައްމަދު ދީދީ (2019)  ހާމަކުރައްވާގޮތުގައި ކާލް ރޮޖަރޒް ވަނީ 1940ގައި ކައުންސެލިންގ ދެއްވާފަ އެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ވަނީ ކައުންސެލިންގ ގެ ތެރެއަށް ވަދެފަ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ އެކި ދާއިރާތަކުން ކައުންސެލިންގ ތަޢާރަފްކޮށް ދެމުންނެވެ.

ކައުންސެލިންގ ސެޝަން ކުރިއަށް ގެންދިއުމުގައި ބޭނުންކޮށްފައިވާ ތިއަރީ:

          ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީ:

     ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީގެ ތިއަރިސްޓެއް ކަމަށްވާ ބަންދޫރާއާ ހަވާލާދީ ޢާއިޝަތު މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި އެއީ ސިކުނޑީގަ އުފައްދާ އަސަރަކުން ސުލޫކަށް އަންނަ ބަދަލެކެވެ. ސުލޫކު ވަކިގޮތަކަށް ބަދަލުވުމެވެ. މި ތިއަރީގައި ތިން ކަމެއް ފާހަގަވެ އެވެ. އެއީ މާހައުލާއި، ވިސްނުމާއި އަދި ޢަމަލެވެ. ކައުންސެލިންގ ސެޝަންގައި މި ތިއަރީ ވަރަށް ބޮޑަށް އެޕްލައިކޮށްފައި ވާނެ އެވެ. އެހެނީ ކައުންސެލަރ ބޭނުންވަނީ ދަރިވަރުގެ ކިބައިގާވާ ނޭދެވޭ ސިފަ ބަދަލުކުރުވާށެވެ. އޭނާއަށް ބަދަލުތައް އައީ މުޖުތަމަޢުންނެވެ. އަދި ކްލާސްރޫމުންނެވެ. ވީމާ، ޝައުކާގެ ކިބައިގާވާ ނޭދެވޭ ސިފަ ދުރުކުރުމަށް ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީއަކީ ވަރަށް މުހިއްމު ތިއަރީ އެކެވެ. ބަނދޫރާ، 1982؛ ކޯނޯ އަދި މޭން-ޑިނާޗް، 1983؛ ކޮވިންޓަން އަދި އޮމެލިޗް، 1979؛ ރޮޓަރ، 1966؛ ވެއިނަރ، 1979 އާ ހަވާލާދީ ޑޭލް އެޗް. ޝަންކް (1989) ހާމަކުރާގޮތުގައި މި ތިއަރީ ބުނާގޮތުން މުޖުތަމަޢުގައި ދިމާވާ ތަފާތު ކަންތައްތައް ޙައްލުކުރުމަށް ކަސްރަތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.
      އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުކުރުމެވެ (ބަންދޫރާ، 1986). މި ވާހަކަކޮޅަށް ބަލާއިރު ކައުންސެލިންގ ސެޝަންގައި އުޅޭ ޝައުކާއަށް ވެސް އައީ މިކަހަލަ ބަދަލެކެވެ. ކުލާހުގަ ކަންތައް ވާގޮތް އޭނާއަށް ކަމުނުދިޔައީ އެވެ. ވުމާއެކު އޭނާގެ ސުލޫކަށް ބަދަލުއައީ އެވެ.

ކްލެސިކަލް ކޮންޑިޝަނިންގ ތިއަރީ (ބިހޭވިއަރިޒަމް):

     ޕެވްލޯވްގެ މިތިއަރީއަކީ ކޮންޑިޝަނިންގއާ ގުޅުންހުރި ތިއަރީ އެކެވެ. އަޅުގަނޑު ހިމަނައިފާވާ ކައުންސެލިން ސެޝަންގެ ކްލައިންޓް ( ޝައުކާ ) އަށް މި ތިއަރީ ވެސް އެޕްލައިކުރެވެ އެވެ. ސަބަބަކީ ކުލާހުގެ ބައެއް ދަރިވަރުން މުދައްރިސާ ވާހަކައެއް ދައްކާލިއަސް ޝައުކާ އަށް ހީވަނީ އޭނާގަ ވާހަކަ މުދައްރިސްގާތު ދައްކާހެންނެވެ. ވީމާ، މިއީ ވެސް ކަންޑިޝަނިންގ އެވެ. ކުދިން އެގޮތަށް ބައެއްކުދިންގެ ވާހަކަ ދައްކާތީ މިހާރު ޝައުކާއަށް ހީވަނީ އެމީހުން އެ ދައްކަނީ ވެސް ޝައުކާގެ ވާހަކަ ކަމަށެވެ. ފާތުން (2014) ހާމަކުރާގޮތުގައި ކުއްޖާއަށް ހިތްވަރުދީ ތަރުހީބު ލިބެމުން ދާނަމަ، ކުއްޖާއަށް މިބީދައިން ބަސްބޭނުންކުރަން ދަސްވެއެވެ. ނަތީޖާއެއްގެ ގޮތުން މިއުޅުން (ބިހޭވިއަރ) ކުއްޖާއަށް އާދަވެއެވެ.
      ޝައުކާއަށް ގޭދޮށުން ވެސް ފެންނަނީ ބޮޑެތިމީހުން ގިނަވަގުތު އެހެން މީހުންގެ ވާހަކަ ދައްކާތަނެވެ. މުޖުތަމަޢުގެ ތެރޭގައި މިއާދަ ހަރުލައިފާ އޮތުމުގެ ސަބަބުން ކުލާހަށް އައިސް ކުލާހުގަ ކިޔަވާ ވަގުތު ވެސް ޝައުކާއަށް ހީވަނީ ކުދިން ވެސް އެ ދައްކަނީ އެހެން ކުދިންގެ ވާހަކަ ކަމަށެވެ. ވުމާއެކު ޝައުކާގެ އުޅުމަށް އައީ ނުރަނގަޅު ބަދަލެކެވެ. އަދި ހުންނަނީ އިރޭޝަނަލް ވިސްނުމެވެ.
      އަޅުގަނޑުގެ ކައުންސެލިންގ ސެޝަން ތައްޔާރުކުރުމަށް އެކުލަވާލި ސިނާރިއޯގައި ހިމެނެނީ  މަތީގައި ތަފްޞީލްކޮށްދީފައި އެވާ ދެ ތިއަރީ އެވެ. އެއީ ސޯޝަލް ކޮގްނިޓިވް ތިއަރީ އާއި ބިހޭވިރަލް ތިއަރީ (ކްލެސިކަލް ކަންޑިޝަނިންގ) އެވެ. މިއީ ޚިޔާލީ ސިނާރިއޯއެއް ނޫނެވެ. މިއީ ޙަޤީޤީ ސިނާރިއޯ އެކެވެ. ވީމާ، މިއީ އަސްލު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ޙަޤީޤީ ސިނާރިއޯ އެކެވެ.

ސެޝަން ކުރިއަށް ދިޔަ ގޮތް ( ހަރުފަތްތައް ):

    ކައުންސެލިންގ ސެޝަންގެ ފުރަތަމަ ސްޓެޕްގައި ކުރެވިގެންދިޔަ ކަމަކީ ގުޅުންބަދަހިކުރުމެވެ. އެގޮތުން ހާލުއަހުވާލު އޮޅުންފިލުވާލީ އެވެ.
      ދެވަނަ ސްޓެޕްގައި ޝައުކާއަށް ދިމާވި މައްސަލައަކީ ކޮބައިކަން ދެނެގަތީ އެވެ. މައްސަލަ ދެނެގަތުމަށް ވަރަށް ގިނަ ސުވާލު ކުރަންޖެހުނެވެ. އެގޮތުން ކުލާހުގަ އެއްވެސް ކަމެއް ހިނގިކަން ދެނެގަތުމަށް ވެސް ވަގުތުކޮޅެއް ނެގި އެވެ. ސަބަބަކީ އެއްވެސް ކުއްޖަކު އަދި މީހަކުވެސް ގޯސް ކަމެއް ކޮށްފަ ތިމަންނަ ކުރީމޭ ނުބުނާނެ އެވެ. ވީމާ، ވަރަށް ވިސްނުންތެރިކަމާއެކު ކްލައިންޓް ރުޅިއަރުވާނުލައި ސެޝަން ކުރިއަށްގެންދިއުމަށް ވަރަށް ބޮޑަށް ވިސްނީމެވެ. ނަތީޖާ އަކީ ބޭނުންވި ހުރިހާ ސުވާލަކަށް ކްލައިންޓްގެ ފަރާތުން ޖަވާބު ލިބުމެވެ. އަދި ކުލާހުގަ ދިމާވި މައްސަލައަކީ އާއްމުކޮށް އަބަދުވެސް ހިނގާކަމެއްތޯ ނުވަތަ ނޫންތޯ ވެސް ބެލީމެވެ. ކައުންސެލިންގ ގެ ކުރިން މައްސަލަ އޮތީ ޙައްލުނުވެ އެވެ. ނަމަވެސް ސެޝަނަށްފަހު ހުރިހާ މައްސަލައެއް ޙައްލުކުރާނެކަމަށް ކްލައިންޓް އެއްބަސްވި އެވެ.
      އެންމެ ކިޔަވާހިތްވަނީ ކޮން މާއްދާތަކެއްކަން ވެސް ކްލައިންޓްގެ ފަރާތުން އޮޅުންފިލުވީމެވެ. ގޭގައި އުޅޭއިރު ދައްތަ އާއި މައްސަލަ ޖެހޭތޯ ވެސް އޮޅުންފިލުވީމެވެ. އެގޮތުން ބައެއްފަހަރު މައްސަލަޖެހޭކަން ފާހަގަވިއެވެ. އަދި ނަފްސާނީ، ޖިސްމާނީ އެއްވެސް ބައްޔެއް ހުރޭތޯވެސް ބެލުނެވެ. މަންމަ އާއި ބައްޕަ އަދާކުރާ ވަޒީފާއަކީ ކޮބައިތޯ ވެސް އޮޅުންފިލުވީމެވެ. މި ކަމުގައި ކްލައިންޓުގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ރަނގަޅަށް ވަނީ ލިބިފަ އެވެ.
      ދިމާވި މައްސަލަ ޙައްލުކުރާނެ ގޮތްވެސް ބުނެދިނީ ކްލައިންޓެވެ. މިގޮތަށް ހަދާލުމުން ނޭދެވޭ ސިފަ ދުރުކުރުމަށް ވަރަށް ބޮޑު ބާރަކަށްވެ އެވެ. އެމީހަކު ހުށަހަޅާކަމެއް ތަންފީޒްކުރަން އެމީހަކަށް ފަސޭހަވާނެ އެވެ. ކްލައިންޓް ވެސް ހުރީ އޭނާއަށް ކުރެވޭ ނުރަނގަޅު އަމަލު އިޞްލާޙުކުރަން ބޭނުން ވެފަ އެވެ. ވުމާއެކު ފަހުން އެ ޢަލު ތަކުރާރު ނުކުރާނެ ކަމަށް ވެސް ބުންޏެވެ.
      ކުލާހުގަ ހިނގި ހާދިސާގެ ސަބަބުން ކުރީ ކޮންކަހަލަ އިހްސާސެއްކަން ވެސް ދެނެގަތީމެވެ. އަދި އެގޮތަށް ޢަމަލުކުރުމުގެ ސަބަބުން އެހެން ކުދިންނަށް ކުރާނީ ކޮންކަހަލަ އަސަރެއްކަން ވެސް ކްލައިންޓަށް ވިސްނުނެވެ. ވުމާއެކު ރަނގަޅުވުމަށް ކްލައިންޓް ހުށަހެޅި މުއްދަތުގައި ބަރާބަރަށް ކްލައިންޓް ވަނީ ނަތީޖާ ދައްކާފަ އެވެ. އެއްމަސް ފަހުން ބައްދަލުކުރިއިރު އަޚްލާޤީ އެއްވެސް މައްސަލައެއް ދިމާވެފައެއް ނެތެވެ.

ބޭނުންކުރި އިންޓަރވެންޝަން:

      ބޭނުންކުރި އިންޓަރވެންޝަން ތަކުގެ ތެރޭގައި ތިން ބާވަތެއްގެ އިންޓރވެންޝަން ހިމެނެ އެވެ. އެއީ؛ އެފެކްޓިވް އިންޓަރވެންޝަން އާއި، ކޮގްނިޓިވް އިންޓަރވެންޝަން އާއި އަދި ބިހޭވިއަރަލް އިންޓަރވެންޝަން އެވެ.

އެފެކްޓިވް އިންޓަރވެންޝަން:

      އަކީ މީހާގެ އިޙްސާސްތަކެވެ. ވުމާއެކު ކްލައިންޓަށް އަނެކާގެ އިޙްސާސްތައް ދެނެގަނެވެ އެވެ. އަދި އަނެކާއާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމުގެ ޚިޔާލް އުފެދެ އެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި ކްލައިންޓަށް އޭނާއަށް ހާލަތާމެދު ނުވަތަ އަނެކާއާމެދު  ކުރެވޭ އިޙްސާސް ތަކާއި އިމޯޝަންސް ދެނެގަންނަން އެހީތެރިވެދެ އެވެ. އެފެކްޓިވް އިންޓަރވެންޝަން ބޭނުންކުރާ ކައުންސިލިންގ ތިއަރީޒް ތެރޭގައި ޕަރލްސް ގެސްޓާލްޓް ތިއަރީ، ފްރޮއިޑްގެ ސައިކޯ އެނަލިސިސް ތިއަރީ، ރޮޖަރސްގެ ޕަރސަން ސެންޓަރޑް ތިއަރީ އަދި އެޑްލަރ ގެ އެޑްލީރިއަން ތިއަރީ ފާހަގަކޮށްލެވެ އެވެ. ޓީމޯ ޕާޓަލާ އަދި ވެއިއްކޯ ސުރައްކާ (2004) ހާމަކުރާގޮތުގައި ޕޮޒިޓިވް ރަނގަޅު އަދި ނެގެޓިވް ރަނގަޅުނޫން އިންޓަރވެންޝަން ވެސް މިބާވަތުގެ އިންޓަރވެންޝަންގައި ހިމެނެ އެވެ.

ކޮގްނިޓިވް އިންޓަރވެންޝަން:

      އަކީ އަމިއްލަ ނަފްސާމެދު ނުވަތަ އަނެކާއާމެދު ވިސްނާ ވިސްނުން ނުވަތަ ޤަބޫލުކުރުމެވެ. ވުމާއެކު އަނެކާއާ މެދު ތަފާތު ނަޒަރަކުން ވިސްނުމުގެ ފުރުޞަތު ފަހިވެގެންދެ އެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި ކޮގްނިޓިވް އިންޓަރވެންޝަން ބޭނުންކުރާ ތިއަރީ ތަކުގެ ތެރޭގައި އެލިސްގެ ރެޝަނަލް އިމޯޝަނަލް ބިހޭވިއަރ ތިއަރީ އާއި، ބެކްގެ ޓްރާންސެކްޝަން ތިއަރީ ފާހަގަކޮށްލެވެ އެވެ. ޕޯލް އާރު ޕިންޓްރިޗް (1999) ވެސް ހާމަކުރައްވާގޮތުގައި ޝައުޤުވެރިކަން އުފެއްދުމަށްޓަކައި ސެލްފް ރެގިއުލޭޓް ކުރުމަށް ކޮގްނިޓިވް ލަރނިންގ ތިއަރީއަކީ ވަރަށް ބޭނުންތެރި ފައިދާހުރި ތިއަރީ އެކެވެ.  

ބިހޭވިއަރަލް އިންޓަރވެންޝަން:

      އަކީ ކްލައިންޓް ނުވަތަ ބަލި މީހާ މިހާރު އުޅޭ އުޅުމުން ދުރުކޮށް އާ ހުނަރާއި އުޅުން ދަސްކޮށްދޭ އިންޓަރވެންޝަނެވެ. މިގޮތުން އާދަ ތަކާއި އުޅުން މޮޑިފައިކޮށް އާ އެއްޗަކަށް ބަދަލުވެ އެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި އާންމުކޮށް މިވައްތަރުގެ އިންޓަރވެންޝަންގައި ބޭނުންކުރަނީ ސްކިނަރ، ޕެވްލޯ އަދި ބަންދޫރާގެ ބިހޭވިއަރަލް ތިއަރީ އެވެ. ޖޭ ޑޭވިޑް ހޯކިންގސް، ރިޗަޑް އެފް. ކަޓަލާނޯ އަދި ރިކް ކޮސްޓަރމަން (1999) ހާމަކުރައްވާ ގޮތުގައި ގްރޭޑް އެކަކުން ގްރޭޑް ހަޔަކާ ހަމައަށް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭ އިންޓަރވެންޝަނަކީ ބިހޭވިއަރަލް އިންޓަރވެންޝަނެވެ.

އިންޓަރވެންޝަން ބޭނުންކުރި ސަބަބު:

    ކައުންސެލިންގ ސެޝަނެއްގައި އިންޓަރވެންޝަން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތަފާތު އިންޓަރވެންޝަން ބޭނުން ކުރުމުގެ ސަބަބުން ކްލައިންޓުގެ ތަފާތު ކަންތައްތައް ކައުންސެލަރ އަށް ފާހަގަކުރެވޭނެ އެވެ. ވުމާއެކު ތިރީގައި އެވަނީ އިންޓަރވެންޝަން ބޭނުންކުރި ސަބަބުތަކެވެ.

އެފެކްޓިވް އިންޓަރވެންޝަން:

      ބޭނުންކުރަނީ މީހުންގެ އިޙްސާސްތައް ދެނެގަތުމަށެވެ. އެފެކްޓިވް އިންޓަރވެންޝަން ބޭނުންކުރުމުން ތިމާ އަނެކާއާ ދޭތެރޭ ކަންތައް ކުރުމުގައި ރަނގަޅުގޮތް އިޚްތިޔާރުކުރާނެ އެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި ކްލައިންޓަށް އޭނާއަށް ހާލަތާމެދު ނުވަތަ އަނެކާއާމެދު  ކުރެވޭ އިޙްސާސް ތަކާއި އިމޯޝަންސް ދެނެގަންނަން އެހީތެރިވެދެ އެވެ.
      އެފެކްޓިވް އިންޓަރވެންޝަންގެ ސަބަބުން ކްލައިންޓުގެ އިހްސާސްތައް ވަނީ ދެގަނެވިފަ އެވެ. ޝައުކާ ބުނިގޮތުގައި އޭނާ ބޭނުންވަނީ ކުލާހުގައި އިން ކިޔަވަން ރަނގަޅު މޮޅު ދަރިވަރުގެ ކިޔެވުން ވެސް ހަލާކުކޮށްލާށެވެ. މިކަން ކުރުމަށް ކުލާހުގެ ތެރެއިން ޓީމެއް އެކުލަވާލައިގެން ވަނީ މަސައްކަތް ފަށާފަ އެވެ. ނަތީޖާއކަށްވީ ކުލާހުގަ އިންނަ މޮޅުދަރިވަރަށް ނަފްސާނީ ބިރުވެރިކަމުގެ ތެރެއަށް ވަންނަން ޖެހުމެވެ. އަދި ސްކޫލަށާއި ޤުރުއާން ކުލާހަށް ވެސް ނުދާން އުޅުމެވެ. އަދި އެ ޝަކުވާ މައިންބަފައިން ގާތު ބުނުމެވެ. ބްރޫސް ފިންކް (1997) ބަޔާންކުރައްވާ ގޮތުގައި ސައިކޯ އެނަލިސިސް ތިއަރީ އަކީ މި އެފެކްޓިވް އިންޓަރވެންޝަނަށް ވަރަށް ރަނގަޅު ކަމުދާ ތިއަރީއެކެވެ. ޕޯލް ވިލްކިންސް (2010) ލިޔުއްވާ ގޮތުގައި ޕަރސަން ސެންޓަރޑް ތިއަރީއަކީ ބާރުގަދަ ތިއަރެޓިކަލް ތިއަރީއެކެވެ. ނަތީޖާއަކީ ދަރިވަރުންގެ އިޙްސާސްތަކާ ކުޅެވިގެން ދިއުމެވެ. އަދި މިއީ ކާމިޔާބު ތިއަރީއެކެވެ. ޑޭވިޑްކަޕޫޒީ އަދި މާކް ޑީ. ސްޓޯފަރ (2016) ބަޔާންކުރާ ގޮތުގައި

ކޮގްނިޓިވް އިންޓަރވެންޝަން:

      އަކީ ވެސް ވަރަށް މުހިއްމު ބައެކެވެ. އެހެނީ އެއީ ތިމާގެ ނަފްސާއި އަދި އަނެއްމީހާގެ ނަފްސާމެދު ވިސްނުމެވެ.  ވީމާ، ތިމާ ވިސްނާގޮތް ނޫން އެހެން ގޮތަކަށް އަނެކަކު ވިސްނައިފާނެކަން އަންގައިދެ އެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި ކޮގްނިޓިވް އިންޓަރވެންޝަން ބޭނުންކުރާ ތިއަރީ ތަކުގެ ތެރޭގައި އެލިސްގެ ރެޝަނަލް އިމޯޝަނަލް ބިހޭވިއަރ ތިއަރީ އާއި، ބެކްގެ ޓްރާންސެކްޝަން ތިއަރީ ފާހަގަކޮށްލެވެ އެވެ.
      ކައުންސެލިންގ ސެޝަނުގައި ޝައުކާ އޭނާގެ އަމިއްލަ ނަފްސާމެދު ދެކޭ ގޮތް ވަރަށް ރަނގަޅަށް ހާމަވެ އެވެ. އޭނާއަށް ވީގޮތަކީ އޭނާ ފިލާވަޅު ނަހަދާތީވެ މުދައްރިސުންގެ ސަމާލުކަމެއް ނުލިބެ އެވެ. އަދި ކުލާހުގައި ބަރާބަރަށް ފިލާވަޅު ނިންމާ ދަރިވަރުންދެކެ ހިތްހަމަނުޖެހޭ ގޮތް ދިމާވެ އެވެ. ވުމާއެކު އަނެކާއާ ދޭތެރޭ ވިސްނާ ވިސްނުން ވަރަށް ތަފާތުވެ އެވެ. ނަތީޖާއަކީ ރަނގަޅު ދަރިވަރުންނާ ދިމާކުރުމެވެ. ކުލާހުގައި ވެސް ދިމާކުރެ އެވެ. ޤުރުއާން ކުލާހުގައި ވެސް ދިމާކުރެ އެވެ. ބޭރުތެރޭގައި ވެސް ދިމާކުރެ އެވެ. އަދި ކިޔަވާ ކުއްޖާއަށް ނަފްސާނީ ގޮތުން އެތައް މައްސަލައެއް ދިމާވީ އެވެ. ވީމާ، މިއީ ޝައުކާ އަމިއްލަ ނަފްސާމެދު ދެކޭގޮތާއި އަދި އަނެކުންނާމެދު ދެކޭގޮތެވެ. އަލްބަރޓް އެލިސް، މައިކަލް އީ. ބަރނަރޑް (2006) ހާމަކުރައްވާ ގޮތުގައި ޤުދުރަތީ ގޮތުން ލިބޭ ފަރުވާއާ އެކު އެހެނިހެން ފަރުވާ ކުދިންނަށް ދިނުމުން އެކުދިން އަމިއްލަ ނަފްސާމެދު ދެކޭގޮތް އަދި އަނެކުންނާ މެދު ދެކޭގޮތް ވެސް ރަނގަޅުވެގެން ދާނެ އެވެ. އެމް. ޑޭވިޑް މެރިލް، މާކް ކޭ. ޖޯންސް އަދި ޒޮންގްމިން ލި (1991) ހާމަކުރައްވާ ގޮތުގައި ތިން ވައްތަރެއްގެ ޓްރާންސެކްޝަން މިކަމުގައި ހިމެނެ އެވެ. އެއީ ކޮމްޕޯނެންޓް، އެބްސްޓްރެކްޝަން އަދި އެސޯސިއޭޝަން ޓްރާންސެކްޝަނެވެ. މިއީ ކުއްޖާގެ ނަފްސާމެދު އަދި އަނެކާގެ ނަފްސާމެދު ދެކޭގޮތް ހާމަކޮށްދޭ ތިން ޓްރާންސެކްޝަނެވެ.

ބިހޭވިއަރަލް އިންޓަރވެންޝަން:

      ގެ ސަބަބުން މިހާރު މީހާ އުޅޭގޮތް ބަދަލުކޮށްލަ އެވެ. އަދި ހުނަރުގެ ގޮތުން ކުރިއެރުންތަކެއް ލިބިގެން ދެ އެވެ. ވީމާ، ކްލައިންޓުގެ ނޭދެވޭ އަސަރު ނައްތާލެވެ އެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި އާންމުކޮށް މިވައްތަރުގެ އިންޓަރވެންޝަންގައި ބޭނުންކުރަނީ ސްކިނަރ، ޕެވްލޯ އަދި ބަންދޫރާގެ ބިހޭވިއަރަލް ތިއަރީ އެވެ.
      ޕެވްލޯވް އާ ހަވާލާދީ ވޮލްޕޭ ޖޭ އަދި ޕްލޯޑް ޖޭ.ޖޭ (1997) ހާމަކުރައްވާ ގޮތުގައި އިންސާނުންގެ އުޅުމާއި ހުނަރު ދަސްކޮށްދިނުމުގައި އެންމެ އިސް އަދި އެންމެ ހަރުދަނާ އަސޫލަކީ ބިހޭވިއަރަލް ތިއަރީ އެވެ. މި ތިއަރީގެ ސަބަބުން ދަރިވަރުންނަށް ވެސް ވަރަށްގިނަ ފައިދާތައްވެ އެވެ.

އިންޓަރވެންޝަން ބޭނުންކުރެވޭނެ ހާލަތްތަކާއި އަދި ބޭނުންކުރާނެ ގޮތް:

      މާބޮޑަށް ޖަޒްބާތީވެ އިހްސާސްތަކާ ކުޅެވޭނަމަ ބޭނުންކުރާނީ އެފެކްޓިވް އިންޓަރވެންޝަނެވެ. ޢާއިޝާ މުޙައްމަދު ދީދީ (2019) ހާމަކުރާގޮތުގައި ކްލައިންޓްގެ ހާލަތާއި އަދި އަނެކާގެ ޙާލަތު ދެނެގަންނަން މަސައްކަތް ކުރާނެ އެވެ. ވީމާ، އިހްސާސްތަކާ ގުޅުންހުރި ކަންކަމުގައި ބޭނުންކުރާނީ އެފެކްޓިވް އިންޓަރވެންޝަނެވެ. ބިހޭވިއަރަލް އިންޓަރވެންޝަން ބޭނުންކުރާނީ އާ އުޅުމާއި ހުނަރު ދަސްކޮށްދިނުމަށެވެ. އަދި ކޮގްނިޓިވް އިންޓަރވެންޝަން ބޭނުންކުރާނީ އަމިއްލަ ނަފްސާއި އަދި އެހެން މީހުންނާމެދު ވިސްނާގޮތުގެ މައްޗަށެވެ. އަދި އޭނާގެ އަޚްލާޤު ހުންނަ ގޮތުގެ މައްޗަށް ބިނާކޮށެވެ.














ނިންމުން:

    މި އެސައިންމަންޓުގައި ބަލާލައިފާވާނީ ކައުންސިލިންގއަކީ ކޮބައި ކަމާއި، ކައުންސިލިންގ ސެޝަން ކުރިއަށްގެންދިއުމަށް ބޭނުންކުރާނެ ތިއަރީއާއި، ސެޝަންކުރިއަށް ގެންދިޔަގޮތާއި ހަރުފަތްތައް، އިންޓަރވެންޝަން ބޭނުންކުރިގޮތާއި ސަބަބާއި އަދި ހާލަތްތަކުގެ މައްޗަށެވެ. މި އެސައިންމަންޓްގެ ސަބަބުން ގިނަބަޔަކަށް ފައިދާކުރާނެކަމަށް އުއްމީދުކުރަމެވެ.


















ރިފަރެންސް:

ބްރޫސް ފިންކް. (1997). އަ ކްލިނިކަލް އިންޓްރޮޑަކްޝަން ޓު ލެކޭނިއަން ސައިކޯއެނާލިސިސް، ނެގީ: އޮގަސްޓް 07، 2019.
ޢާއިޝަތު މުޙައްމަދު ދީދީ. (2019). ކައުންސެލިންގ އިންޓަރވެންޝަން، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2019). ކައުންސެލިންގ އަށް ތަޢާރަފެއް، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2019). ކައުންސެލިންގ ތިއަރީ، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2019). ސައިކޯ އެނޭލެޓިކް އެޕްރޯޗަރޒް، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2019). ކައުންސެލިންގ ޕްރޯސެސް، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
އަލްބަރޓް އެލިސް، މައިކަލް އީ. ބަރނަރޑް. (2006) ރޭޝަނަލަ އިމޯޓިވް ބިހޭވިއަރަލް އެޕްރޯޗްސް ޓު ޗައިލްޑްހުޑް ޑިސްއޯޑަރޒް، ނެގީ: އޮގަސްޓް 06، 2019.
އެމް. ޑޭވިޑް މެރިލް، މާކް ކޭ. ޖޯންސް އަދި ޒޮންގްމިން ލި. (1991) އިންސްޓްރަކްޝަނަލް ޓްރާންސެކްޝަން ތިއަރީ، ނެގީ:  އޮގަސްޓް 01، 2019.
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކަޝަނަލް ސައިކޮލޮޖީ، މާލެ، ސެންޓަރ ފޯރ އޯޕަންލަރނިންގ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ވޮލްޕޭ ޖޭ އަދި ޕްލޯޑް ޖޭ.ޖޭ. (1997) ޕެވްލޯވްސް ކޮންޓްރިބިއުޝަންސް ޓު ބިހޭވިއަރ ތެރެޕީ، ނެގީ: އޮގަސްޓް 03، 2019.

ފާތުން (2014) ބިހޭވިއަރަލް ލަރނިންގ ތިއަރީ (މިތިއަރީ ކުރިއަރުވާފައިވަނީ ބީ. އެފް. ސްކިނަރ އާއި އިވާން ޕަވްލަރ)، ނެގީ: އޮގަސްޓް 02، 2019.

ޑޭވިޑްކަޕޫޒީ އަދި މާކް ޑީ. ސްޓޯފަރ. (2016). ކައުންސެލިންގ އެންޑް ސައިކޯތެރަޕީ،  ނެގީ: އޮގަސްޓް 04، 2019.

ޑޭލް އެޗް. ޝަންކް. (1989). ސޯޝަލް ކޮގްނިޓިވް ތިއަރީ އެންޑް ސެލްފް ރެގިއުލޭޓެޑް ލަރނިންގ، ނެގީ: އޮގަސްޓް 07، 2019.
ޓީމޯ ޕާޓަލާ އަދި ވެއިއްކޯ ސުރައްކާ. (2004). ދަ އިފެކްޓްސް އޮފް އަފެކްޓިވް އިންޓަރވެންޝަންސް އިން ހިއުމަން ކޮމްޕިއުޓަރ އިންޓަރެކްޝަން، ނެގީ: އޮގަސްޓް 05، 2019.
ޕޯލް އާރު ޕިންޓްރިޗް (1999). ދަ ރޯލް އޮފް މޯޓިވޭޝަން އިން ޕްރޮމޯޓިންގ އެންޑް ސަސްޓެއިނިންގ ސެލްފް–ރެގިއުލޭޓެޑް ލަރނިންގ، ނެގީ: އޮގަސްޓް 06، 2019.
ޖޭ ޑޭވިޑް ހޯކިންގސް، ރިޗަޑް އެފް. ކަޓަލާނޯ އަދި ރިކް ކޮސްޓަރމަން (1999). ޕްރިވެންޓިންގ އެޑޯލެސެންޓް ހެލްތް-ރިސްކް ބިހޭވިއަރޒް ބައި ސްޓްރެންތެނިންގ ޕްރޮޓެކްޝަން ޑިއުރިންގ ޗައިލްޑްހުޑް، ނެގީ: އޮގަސްޓް 07، 2019.





އެޕެންޑިކްސް:

ސިނާރިއޯ:

ޝައުކާ އަކީ އުމުރުން 12 އަހަރުގެ ދަރިވަރެކެވެ. ޝައުކާވަނީ ކްލާހުގެ ގިނަ އިމްތިހާނު ތަކުން ފެއިލް ވެފަ އެވެ. ޝައުކާ ޤަބޫލުކުރާ ގޮތުގައި މުދައްރިސުން ތިބެނީ ޝައުކާއާ ޖައްސާލާފަ އެވެ. ކުލާހުގެ ކިޔަވަން ރަނގަޅު ދަރިވަރުންނަށް މުދައްރިސުން ވަރަށް ރަނގަޅެވެ. އެ ދަރިވަރުން ބުނާގޮތް މުދައްރިސުން ޤަބޫލުކުރެ އެވެ. ނަމަވެސް ޝައުކާ ވާހަކައެއް ބުންޏަސް މުދައްރިސުން ޤަބޫލެއް ނުކުރެ އެވެ. ޝައުކާއަށް ފޮތެއް ނުގެނެވުނަސް މުދައްރިސުން ބިހޭވިއަރ ލިސްޓަށް އަރުވަ އެވެ. ނަމަވެސް ކިޔަވަން ރަނގަޅު ދަރިވަރުން ބިހޭވިއަރ ލިސްޓަކަށް ނާރުވަ އެވެ. ވުމާއެކު ޝައުކާ މިހާރު ކުރާކަމަކީ ކުލާހުގަ ތިބޭ ކިޔަވަން ރަނގަޅު ދަރިވަރުންނޭ ކިޔައިގެން ތަފާތު ވާހަކަތައް  ފަތުރަނީ އެވެ. އެކުދީންނާ ދިމާކުރަނީ އެވެ. ކޮންމެތާކުން ފެނުނަސް ދިމާކުރަނީ އެވެ. އަދި އިތުރަށް ކިޔަވާ ރަނގަޅު ދަރިވަރަކަށް ވުމުގެ ވިސްނުމެއް ޝައުކާގެ ނެތެވެ.

ކައުންސެލިންގ ސެސަން:

ސްޓެޕް:1
ޝައުކާ: އައްސަލާމް ޢަލައިކުމް.
ކައުންސެލަރ: ވަޢަލައިކުމުއްސަލާމް
ކައުންސެލަރ: އިށީނދޭ
ކައުންސެލަރ: ޝައުކާ ކޮބާ ކިހިނެއ؟
ޝައުކާ: ރަނގަޅު
ސްޓެޕް:2
ކައުންސެލަރ: ޝައުކާއަށް އެނގޭތެ ކީއްކުރަންކަން ކައުންސެލަރ ގާތަށް މި ގެނައީ؟
ޝައުކާ: ނޭނގެ
ކައުންސެލަރ: އަޅެ ރަނގަޅަށް ވިސްނާލަބަލަ! ހަނދާންވޭތޯ! އެއްވެސް ކަމެއް ހަނދާނަށް އާދޭތަ؟
ޝައުކާ: އަދި ނާދޭ.
ކައުންސެލަރ: މިއަދު ކުލާހުގަ އެއްވެސް މައްސަލައެ ޖެހުނުތަ!
ޝައުކާ: ލައްބަ
ކައުންސެލަރ: އެއީ ކޮން މައްސަލައެއް؟
ޝައުކާ: އެއީ އަޅުގަނޑު ކުއްޖަކާ ދިމާކުރިއްޔޭ ކިޔައިގެން ޖެހުނު މައްސަލައެއް.
ކައުންސެލަރ: ތިކުދިން ކުދިންނާ ދިމާވެސް ކުރަންތަ؟
ޝައުކާ: އަސްލު އަޅުގަނޑު ދިމާއެއް ނުކުރަން. އެކަމަކު ހުރިހާ ޓީޗަރުން މަލާކު ބުނާގޮތް ހަދާނީ، އަޅުގަނޑުމެން ބުނާގޮތެއް ނުހަދާނެ.
ކައުންސެލަރ: ދެން ކިހިނެއްވީ؟
ޝައުކާ: އަޅުގަނޑު މަލާކުއާ ދިމާއަށް ބުނީ ހުރިހާ ޓީޗަރުން ވެސް މަލާކު ބުނާގޮތޭ ހަދަނީ. މަލާކު ކޮންމެ ގޮތަކަށް އުޅުނަސް ޓީޗަރުންނަށް މައްސަލައަކަށް ނުވާނޭ. އެކަމަކު އެހެންކުއްޖަކު ކަމެއް ކޮށްފިއްޔާ ޓީޗަރުންނަށް ވެސް ވަރަށް ކަމަކަށް ވާނޭ.
ކައުންސެލަރ: އެހެން ބުނީމަ ދެންކީކޭ މަލާކު ބުނީ؟
ޝައުކާ: އަބަދު އަޅުގަނޑާ ދިމާއަށް އެއްޗިހި ކިޔާނީއޭ ކިޔާފަ ރޯންފެށީ.
ކައުންސެލަރ: ގޭގަވެސް ޢާއިލާ މެމްބަރުންނާ އެގޮތަށް ދިމާކުރަންތަ؟
ޝައުކާ: ދޮންތަ އަޅުނޑު ރުޅިއަރުވަންޏާ ބައެއް ފަހަރު އެހެން ދިމާކުރެވޭ.
ކައުންސެލަރ: ގޭގަ މަންމައަށް އެހީތެރިވެދެންތަ އެއްވެސް ވަރަކަށް؟
ޝައުކާ: ލައްބަ.
ކައުންސެލަރ: ކޮންކަންކަމެއް ކުރަނީ؟
ޝައުކާ: ކޮއްކޮ ބަލައިދެން، އެއްޗެހި ކައްކަން ތަކެތި ކޮށައިދެން، ބަތްކައްކަން، އެއްޗެހި ދޮންނަން، ފުޅިއަށް ފެން ވެސް އަޅަން.
ކައުންސެލަރ: ޝައުކާމެން ގޭގަ ކިތައް ކުދިން ތިބެނީ؟
ޝައުކާ: ތިން ކުދިން
ކައުންސެލަރ: ބައްޕަ ކޮން މަސައްކަތެއް ކުރަނީ؟
ޝައުކާ: ކަންނެއްޔަށް ދަނީ.
ކައުންސެލަރ: މަންމަ ކީއްކުރަނީ؟
ޝައުކާ: ފަހާނެ، ފަންގި ވިންނާނެ، ބައިވަރު ކަންތައްކުރޭ
ކައުންސެލަރ: ޝައުކާ ކިޔަވާހިތްވޭތަ؟
ޝައުކާ: ލައްބަ
ކައުންސެލަރ: ކޮން މާއްދާތަކެއް އެންމެ ކިޔަވާހިތްވަނީ؟
ޝައުކާ: ދިވެހި، އިސްލާމް، ހެލްތް އެންޑް ޕީއީ
ކައުންސެލަރ: ޝައުކާ އެއްވެސް ބައްޔެއް ހުރޭތަ؟
ޝައުކާ: ނޫން
ކައުންސެލަރ: ކީއްކުރަން އަހަރުމެން ދިރިއުޅެނީ؟
ޝައުކާ: މޮޅުކުއްޖަކަށް ވެގެން ރަނގަޅު ދިރިއުޅުމެއް އުޅެން
ސްޓެޕް:3
ކައުންސެލަރ: މިއަދު މިދިމާވި ކަންތައް ޙައްލުކުރަން ކިހިނެއް ހަދާނީ؟
ޝައުކާ: އެގޮތަށް ދެން އެކަން ނުކުރާނީ
ކައުންސެލަރ: އެހެންވީމަ ކުރިއަށް އޮތް ދެ ހަފްތާތެރޭ މިކަހަލަ ކަމެއް ދިމާވިޔަ ނުދީ ހުރެވިދާނެތަ؟
ޝައުކާ: ލައްބަ! އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ދެން މީގެ ފަހުން އަޅުގަނޑުގެ ފަރާތުން މިކަހަލަ ކަމެއް މެދުވެރިވިޔަނުދޭން.

ސްޓެޕް:4
ކައުންސެލަރ: މިއަދު މި ދިމާވި ކަންތަކާ މެދު ޝައުކާ ދެރަވޭތަ؟
ޝައުކާ: ލައްބަ، ދެރަވޭ.
ކައުންސެލަރ: މިކަންކުރެވުނީމަ މިހާރު ކީކޭ ހިތަށް އަރަނީ؟
ޝައުކާ: މަލާކު ވެސް ވަރަށް ދެރަވާނޭ، އަޅުގަނޑަށް ދިމާވެއްޖިއްޔާ އަޅުގަނޑު ވެސް ދެރަވާނެޔޭ، އެހެން ނުވާނޭ ހަދާކަށް.
ކައުންސެލަރ: މިކަމުން ދުރުހެލިވުމަށް ކޮންކަހަލަ ކަންތަކެއް ޝައުކާއަށް ކުރެވޭނީ؟
ޝައުކާ: ބައިވަރުކަންތައް ކުރެވިދާނެ ދޯ؟
ކައުންސެލަރ: މިސާލަކަށް ކޮންކަހަލަ ކަންތަކެއް؟
ޝައުކާ: ކުލާހުގަ ކުރާ މަސައްކަތް ތަކުގަ މަލާކުއާ އެކީ ބައިވެރިވެވިދާނެ، އޭނަ ބުނާ ކަންތައްތައް ކޮށްދީ އެހީތެރިވެވިދާނެ އަދި ރަޙްމަތްތެރިކަން އާލާކުރެވިދާނެ.
ކައުންސެލަރ: ތިހެން އުޅޭއިރު ކަންތައްތައް ކޮށްފަ އެހެންކުދިން ގޮލުގަ އަޅުވަންތަ؟
ޝައުކާ: ލައްބަ، ބައެއްފަހަރު
ކައުންސެލަރ: އެގޮތަށް އެ ހަދަނީ ހިތް ނުތަނަވަސް ކަމުން ދުރުވާންތަ؟
ޝައުކާ: ލައްބަ
ކައުންސެލަރ: ޙަޤީޤަތާ ކުރިމަތިލާން ބޭނުމެއް ނުވޭތަ؟
ޝައުކާ: އަދަބުލިބޭނެތީ ދޮގުހެދެނީ.
ކައުންސެލަރ: ޓެސްޓް ތަކުން ދަށް މާކްސް ލިބުނީމަ މަންމަ ގާތު ރަނގަޅަށް ބުނަންތަ؟
ޝައުކާ: ނޫން
ކައުންސެލަރ: އެގޮތަށް އެއް ކަމަކާ ގުޅިގެން ބައިވަރު ކަންތައް ދިމާވެއްނު، ބައިވަރު ދޮގު ހަދަން ޖެހޭދޯ؟
ޝައުކާ ލައްބަ
ކައުންސެލަރ: ހިތްހަމަ ނުޖެހޭ ކަމެއް ދިމާވީމަ އެކަން ފޮރުވަން މަސައްކަތް ކުރަންތަ؟ ކީއްވެ؟
ޝައުކާ: ލައްބަ، ކުދިން މަލާމާތް ކުރާނެތީ
ކައުންސެލަރ: އަމިއްލައަށް ކުރާކަމެއްގެ ސަބަބުން އެހެން މީހުންނަށް ރުޅި ބާލަންވާނެތަ؟
ޝައުކާ: ނޫން
ކައުންސެލަރ: ކުލާހުގަ މަސައްކަތް ހަވާލުކުރީމަ ނުކުރުމަށް ބަހަނާ ދައްކަންތަ؟
ޝައުކާ: ގިނަފަހަރު ބަހަނާ ދެއްކޭ
ކައުންސެލަރ: ކަންކަމާ ހާސްވޭތަ؟
ޝައުކާ: ލައްބަ
އެއްމަސް ދުވަސް ފަސް
ސްޓެޕް:5
ކައުންސެލަރ: ޝައުކާ ކޮބާ ކިހިނެއް މިހާރު؟
ޝައުކާ: މިހާރު އޯކޭ
ކައުންސެލަރ: ކުލާހުގަ މިހާރު އެއްވެސް އުނދަގުލެއް ދިމާވޭތަ އެއްވެސް ކުއްޖަކަށް؟
ޝައުކާ: މިހާރު ހުރިހާ ކުދިން ވެސް އުޅެނީ ވަރަށް ގުޅިގެން، އެހެންވެ މައްސަލަ ދިމާއެއް ނުވޭ.
ކައުންސެލަރ: އެހެންވީމަ ޝައުކާއަށް ތިޔަ ދަސްވި ކަންތައް ( ގުޅިގެން އުޅުން ) ވާނެ ދިރިއުޅުމުގެ ހުރިހާ ހިސާބެއްގަ ވެސް ބޭނުންކުރަން.
ޝައުކާ: ލައްބަ
ކައުންސެލަރ: ވަރަށް އުފާވެއްޖެ ރަނގަޅުކުއްޖަކަށް ބަދަލުވީމަ، މިވީ އެއްމަސްދުވަހުގެ ތެރޭގައި އެއްވެސް ކަމެއްގައި ޝައުކާ ނުގެނެސް މިދިޔައީ. ވީމާ، ކުރިއަށް އޮތްތާނގާ އެއްވެސް ކަމެއްގާ ގެންނަން ނުޖެހޭނެ ކަމަށް އުއްމީދު ކުރަން. ވަރަށް ބޮޑަށް މަރުހަބާ ޝައުކާ!
ޝައުކާ: ވަރަށް ބޮޑަށް ޝުކުރިއްޔާ ސަރ! ސަރ އަޅުގަނޑަށް ދެއްވި ނަސޭހަތުގެ ސަބަބުން އަޅުގަނޑަށް ވިސްނި ހަމަ މަގަށް އާދެވުނީ. އަޅުގަނޑަށް ކުރީގަ އުޅެވުނީ ވަރަށް ގޯސްކޮށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެން އެހެންނެއް ނޫޅޭނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ސަރ، ތިކޮށްދެއްވި މަސައްކަތަށް.





No comments:

Post a Comment