ފިހުރިސްތު
އާ ކަރިކިއުލަމް ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިހެއްޔެވެ؟
ތަޢާރަފް:
މި އެސައިންމަންޓުގެ މައިގަނޑު މަޤްޞަދަކީ މި މާއްދާގައި އުނގެނިފައިވާ މަޢުލޫމާތު ބޭނުންކޮށްގެން
ދިވެހިރާއްޖޭގައި އެ ދަރިވަރަކު ކިޔަވައިދޭ ގްރޭޑެއްގައި ބޭނުންކުރެވޭ
ކަރިކިއުލަމް ތަހުލީލު ކުރުމެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ވެސް
ވަނީ އާ ކަރިކިއުލަމެއް ތަޢާރަފް ކޮށްފަ އެވެ. ބައެއް މުދައްރިސުން ބުނާގޮތުގައި
އާކަރިކިއުލަމްގެ ސަބަބުން އުނގަންނައިދިނުމަށް ފަސޭހަ ވިއެވެ. އަނެއްބައި
މުދައްރިސުން ބުނާގޮތުގައި އާ ކަރިކިއުލަމް ތަންފީޒުކުރުމަށް ވަރަށް ގިނަ
ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. ވުމާއެކު މި އެސައިންމަންޓްގައި އާ
ކަރިކިއުލަމް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް ބަލާލައިފާ ވާނެ
އެވެ. މިގޮތުން އަޅުގަނޑުގެ އެސައިންމަންޓުގައި މައިގަނޑު ގޮތެއްގައި
އަލިއަޅުވާލައިފާވާނީ އިސްލާމް މި މާއްދާއަށެވެ. ސަބަބަކީ އަޅުގަނޑު މިވަގުތު
ކިޔަވައިދޭ މައިގަނޑު މާއްދާއަކީ އިސްލާމްކަމަށް ވާތީއެވެ. އަދި ގޮންޖެހުންތައް
ވަރަށް ތަފްޞީލުކޮށް ހިމަނައިފާ ވާނެ އެވެ.
ގޮންޖެހުންތަކާއި ހައްލު:
އެކަށީގެންވާ ޓީޗިން އެއިޑްސް ނެތުން:
މި ޒަމާނަކީ ވަރަށް ގިނަ ތަފާތު ތަކެތި ދަރިވަރުންނަށް
ލިބި ތަޖުރިބާ ކުރަމުންދާ ޒަމާނެކެވެ. އުނގަންނައިދިނުމުގައި ވެސް ތަފާތު
ވައްތަރުގެ، ބާވަތް ބާވަތުގެ ތަކެތި، ޓީޗިންގ އެއިޑްސް ދަނީ ބޭނުން ކުރަމުންނެވެ.
ކިޔަވައިދިނުމުގައި ޓީޗިންގ އެއިޑްސް ބޭނުންކުރުމުން ދަރިވަރުންގެ ޝައުޤުވެރިކަން
ވަރަށް ބޮޑަށް ހިފެހެއްޓެއ އެވެ. ޓީޗަރު ކުލާހަށް ގޮސް ފޮތުގައިވާ ފިލާވަޅު
ދަރިވަރުންނަށް ކިޔައިދިނުމުން ގިނަފަހަރު ދަރިވަރުންގެ ޝައުޤުވެރިކަން ވަރަށް
ކުޑަ އެވެ. އެހެނީ މިއަދުގެ ކުލާސްރޫމް ތަކުގައި ތިބެނީ ވަރަށް ހަލަނި ދަރިވަރުންނެވެ.
އެ ދަރިވަރުން ޝައުޤުވެރިކޮށް ބޭތިއްބުމަށް ތަފާތު ހުނަރު، ތަފާތު މުދައްރިސުން
ދަނީ ބޭނުންކުރަމުންނެވެ. މިގޮތުން ދަރިވަރުން ފޫހިނުވެ ގިނައިރު ބޭތިއްބުމަށް
އެންމެ އެކަށީގެންވާގިތަކީ ޓީޗިންގ އެއިޑްސް ބޭނުންކުރުމެވެ. ޓީޗިން އެއިޑްސް
ބޭނުންކުރުމުން ފޫހިވެފައި އިންނަ ދަރިވަރު ވެސް މޯޓިވޭޓްވެ އެވެ. ޝައުޤުވެރިވެ
އެވެ. ޓީޗިންގ އެއިޑްސްގެ ގޮތުގައި އެކި މުދައްރިސުން ބޭނުންކުރައްވާނީ އެކި
ވައްތަރުގެ ޓީޗިންގ އެއިޑްސް އެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ވައްތަރުގެ
ޓީޗިންގ އެއިޑްސް އަކީ މަލްޓިމީޑިއާ މެދުވެރިކޮށް ބޭނުންކުރާ ޓީޗިންގ އެއިޑްސް
އެވެ. މިފަދަ ޓީޗިންގ އެއިޑްސް ކުރިއަށް ގެންދަނީ ޓީވީ، ލެޕްޓޮޕް، ޓެބްލެޓް އަދި
ފޯނު ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. މިގޮތަށް ޓީޗިންގ އެއިޑްސް ބޭނުންކުރުމުން
ދަރިވަރުން ވަރަށް ބޮޑަށް ޝައުޤުވެރިވެ އެވެ. ނަތީޖާއަކަށް ވަނީ މުދައްރިސް، ދަރިވަރުންނަށް
ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުމެވެ. އަފްޒަލް އަހްމަދު، އެލިސަން ކްލަރކް ޖީވަންސް އަދި
އެޑްރިއަން އޯލްޑްނޯ (2004) ދެކިލައްވާ ގޮތުގައި ޓީޗިން އެއިޑްސް އަކީ
ކިޔަވައިދިނުމުގެ ކޮލިޓީ ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ އެއްޗެކެވެ.
ޓީޗިންގ އެއިޑްސްގެ ތެރޭގައި އަސްލު ތަކެއްޗާއި،
ކުރެހުންތަކާއި، ވީޑިއޯ އާއި، އޯޑިއޯ އާއި، ޕްރެޒެންޓޭޝަނާއި، މޮޑެލް އާއި ތަފާތު
ތަކެތި ބޭނުންކުރެ އެވެ. އެ ފިލާވަޅަކާ އެންމެ އެކަށީގެންވާ ޓީޗިން އެއިޑްސް
ބޭނުން ކުރެވޭ ނަމަ ދަރިވަރުން ކިޔެވުމަށް ޝައުޤުވެރިވާނެ އެވެ. އެ ކުދިންނަށް
ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. ޖޯނަސް އެލްމްކްވިސްޓް، ޖޭން މެކްބެކް
އަދި މައިކަލް ކްނާސްޓެޓް (2013) ވެސް ދެކިލައްވާގޮތުގައި ކިޔަވައިދިނުމުގައި
ޓީޗިންގ އެއިޑްސް ބޭނުންކުރުމަކީ ދަރިވަރުންނަށް އޭގެ ފައިދާ ކުރާނެކަމެކެވެ. އަސްލު
ތަކެތި ހޯދުމަށް ދަތިވަނީ ސްކޫލަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް
ލިބިފައިނެތުމެވެ. ކޮންމެ ކަމަކީ ވެސް ފައިސާ އާ ގުޅިފައިވާ ކަމެކެވެ.
ކިޔަވައިދިނުމަށް ތަކެތި ހޯދުމަށް ބަލާއިރު އެންމެ ގިނައީ ފައިސާއާ ހިސާބުން އެ
ކަމެއް ހުއްޓާލަން ޖެހޭ ހިސާބެވެ. ނަމަވެސް ރަށުތެރެއިން ހޯދަންޖެހޭ އެއްޗެއް ނަމަ
އަޅުގަނޑުމެން އެ އެއްޗެއް ހޯދައިގެން ކިޔަވައިދިނުމުގައި ބޭނުންކުރަމެވެ.
މިސާލަކަށް ކުޅަދުންވަންތަކަން ކިޔަވައިދޭއިރު ގަސްގަހާގެހި ފަޅާ ހެދި ބޮޑުވާ ގޮތް
ދަރިވަރުންނަށް ދައްކާލެވެ އެވެ. އަދި ތަފާތު ވައްތަރުގެ މާމެލާމެލި އަދި ތަފާތު
ވައްތަރުގެ މަސްމަހާމެހި ވެސް ބޭނުންކުރެވެ އެވެ. ވީމާ، މިހިރީ ހައްތަހާ ވެސް
ޓީޗިންގ އެއިޑްސް އެވެ. އިސްލާމް ގަޑިއަކީ ވެސް ދަރިވަރުން ވަރަށް
ޝައުޤުވެރިވާގޮތަށް ކުރިއަށް ގެންދެވޭނެ މާއްދާ އެކެވެ.
ނަމަވެސް ށ.އަތޮޅުމަދަރުސާގެ ގްރޭޑް އެކެއް، ދޭއް އަދި ތިނެއްގައި
އިސްލާމް މި މާއްދާ ކިޔަވައިދިނުމަށް ވަރަށް ގިނަ ދަތިތަކާ ވަނީ ކުރިމަތިލާން
ޖެހިފަ އެވެ. އެ ކްލާސްތަކަށް ބޭނުންވާ އިންޓަރނެޓްގެ ވަޞީލަތް ނުލިބެ އެވެ. އަދި
ލެޕްޓޮޕުން ޓީވީއަށް ކަނެކްޓްކުރާ ކަނެކްޓަރ ވީޖީއޭ. އެޗްޑީ އެމް އައި ކޭބަލް ވެސް
ނުލިބެ އެވެ. ވުމާއެކު މަލްޓިމީޑިއާ މެދުވެރިކޮށް ބޭނުންކުރަން ޖެހޭ ޓީޗިންގ
އެއިޑްސް އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެވެ އެވެ. އީވާ މިލްކޮވާ (2008) ވެސް
ހާމަކުރައްވަނީ މަލްޓިމީޑިއާ އަކީ މި ޒަމާނުގައި ކިޔަވައިދިނުމުގައި މުހިއްމު
ދައުރެއް އަދާކުރާ ވަޞީލަތެއްކަމުގަ އެވެ.
ގްރޭޑް އެކެއް، ދޭއް އަދި ތިނެއް މިއީ ސްކޫލުގެ އެންމެ
ހަގު ދަރިވަރުންނެވެ. އެ ދަރިވަރުންގެ ބިންގާ ރަނގަޅު ކުރެވިގެން ނޫނީ މަތީ ގްރޭޑް
ތަކުގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަކަށް ނުދެކެމެވެ. ވީމާ،
ކޮންމެވެސް ވަރެއްގެ ހޭދައެއް ކޮށްގެން ނަމަވަސް ޓީޗިންގ އެއިޑްސް އަކީ ހޯދަން
ޖެހޭނެ އެއްޗެއް ކަމުގައި ދެކެމެވެ.
އިންޓަރނެޓަކީ ކަރިކިއުލަމް ތަންފީޒް ކުރުމަށް އިންޓަރނެޓަކީ ވެސް ވަރަށް
މުހިއްމު ވަޞީލަތެކެވެ. ޚާއްޞަކޮށް އިސްލާމް ކިޔަވައިދިނުމުގައި ވަރަށް ގިނަފަހަރު
ވީޑިއޯ ބޭނުންކުރަން ޖެހެ އެވެ. ނަމާދު، ވުޟޫފަދަ އެތައް ފިލާވަޅެއް
ކިޔަވައިދިނުމަށް ވީޑިއޯ ބޭނުންވެ އެވެ. ނަމަވެސް ކުލާހުގައި އިންޓަރނެޓް ލިބެން
ނުހުންނާތީ ސްޓާފްރޫމުން އެފަދަ ވީޑިއޯ ކްލިޕެއް ޑައުންލޯޑް ކުރަން އުޅުނަސް
ގިނަފަހަރު އެކަން ބޭކާރުވެގެން ދަނީ އިންޓަރނެޓް ލަސްވާތީ އެވެ. ކެނޑޭތީ އެވެ.
ވީމާ، މިއީ ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނާޝިދު
ސުލައިމާނު (2017) ވެސް މިކަން ހާމަކުރައްވައިފާވެ އެވެ.
2- ވަގުތު:
ވަގުތަކީ ވަރަށް މުހިއްމު އެއްޗެކެވެ. ވަރަށް އުނދަގުލުން ނޫނީ ނުލިބޭ
އެއްޗެކެވެ. ނަމަވެސް ކުރާނީ ކީއްތީ އެވެ؟ މުދައްރިސެއް ނަމަ ކޮންމެވެސް ގޮތަކަށް
ވަގުތު ހޯދާނެ އެވެ. ކިޔަވައިދިނުމަށެވެ. އެސެސްމަންޓްތައް ތައްޔާރުކޮށް
ދަރިވަރުންނަށް ދީ އަދި މާކު ވެސް ކުރުމަށެވެ. މިއީ ވަރަށް ގިނަ ވަގުތެވެ. އެހާމެ
ގިނަ މަސައްކަތެވެ.
ކުލާހުގައި ކިޔަވައިދިނުމަށް ލިބެނީ އެންމެ ތިރީސް ފަސް މިނިޓެވެ. މި ތިރީސް
ފަސް މިނިޓްގެ ތެރެއިން ފެށުމަށް ތިން މިނިޓް ނުވަތަ ފަސް މިނިޓް ހޭދަކުރުމަކީ
ވަރަށް ގިނަ މުދައްރިސުންގެ އާދައެކެވެ. ދެން ބާކީ އޮތް ތިރީސް މިނިޓުގެ ތެރެއިން
ފިލާވަޅު އޮޅުންފިލުވައިދިނުމަށާއި ދަރިވަރުންނަށް ޙަރަކާތެއް ގެންދިއުމަށް
ހޭދަކުރެވޭނީ ގިނަވެގެން ފަންސަވީސް މިނިޓެވެ. މި ފަންސަވިސް މިނިޓްގެ ތެރޭގައި
މުދައްރިސް ދަރިވަރުންނަށް ދޭން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ދިނުމަށްފަހު ދަރިވަރުންނަށް
ދަސްވި ނުވަތަ އޮޅުންފިލި އެއްޗެއް ސާފުކުރަންޖެހެ އެވެ. ވަޒަންކުރުމަށް ނުވަތަ
ފިލާވަޅު ނިންމުމަށް ހޭދަކުރެވޭނީ ފަސްމިނިޓާއި ތިން މިނިޓްގެ ވަގުތުކޮޅެކެވެ. މި
ދެންނެވި ވަގުތުކޮޅުގެ ތެރޭގައި ވަރަށް ގިނަފަހަރު އޮންނަނީ ވަގުތު މަދުވެ
ބޭނުންވާ ފިލާވަޅު ނިންމާނުލެވިފަ އެވެ. އެއްދުވަހުން ކަވަރުކުރަން ސްކީމުގައި
އޮންނަ ސުރުޚީ ހަފްތާއަކަށް ވެސް ދެމިގެން ދެ އެވެ. ސަބަބުތައް ވަރަށް ގިނަ އެވެ.
ކޮންމެ ފިލާވަޅަކީ އެ ފިލާވަޅެއް ކިޔަވައިދީ ނިމުމުން ވަޒަންކުރަންޖެހޭ
ފިލާވަޅެކެވެ. މިހާރު މިކަން ކުރަންޖެހޭ ގޮތަކީ ވަގުތު ނެތުމުގެ ސަބަބުން
އެއްދުވަހުގެ މަސައްކަތް ދެ ދުވަހަށް ބަހާލަން ޖެހުމެވެ. ނުވަތަ އެއަށްވުރެ ވެސް
ގިނަ ދުވަހަށް ދެމިގެން ދިއުމެވެ. ޗަރލްސް ޑަބްލިއު.
ފިޝަރ، ޑޭވިޑް ސީ. ބަރލިނަރ، ނިކޮލާ އެން. ފިލްބީ، ރިޗަޑް މާލިއެވް، ލިއޮނާޑް
އެސް. ކަހެން އަދި މެރިލީން އެން. ޑިޝޯވ (1981) ވެސް ހާމަކުރާގޮތުގައި
ވަގުތަކީ ކިޔަވައިދިނުމުގައި ވަރަށް މުހިއްމު އެއްޗެކެވެ.
ވަގުތުގެ ވާހަކަ ދައްކާއިރު އިސްލާމް ގްރޭޑް އެކެއްގެ ސިލަބަސްގައި ސައްބީސް
އައުޓްކަމްސް އަދި އަށްޑިހަ ތިން އިންޑިކޭޓަރޒް އޮވެ އެވެ. ގްރޭޑް ދޭއްގައި
އެކާވީސް އައުޓްކަމްސް އަދި ފަސްދޮޅަސް އަށް އިންޑިކޭޓަރޒް ހިމެނެ އެވެ. ގްރޭޑް
ތިނެއްގައި ތިރީސް އައުޓްކަމްސް އަދި ހަތްދިހަ ދެ އިންޑިކޭޓަރޒް އެކުލެވެ އެވެ.
އަދި މިއީ ހަމައެކަނި އިސްލާމް މި މާއްދާގައި ހިމެނޭ ބައެވެ. މިގޮތުން އިސްލާމް
މާއްދާއިން ހަތްދިހަ ހަތް އައުޓްކަމްސް އަދި ދުއިސައްތަ ތޭވީސް އިންޑިކޭޓަރޒް
އަހަރުގެ އެކިދުވަސް ތަކަށް ބަހާލައިގެން
ދަރިވަރުންނަށް ކިޔަވައިދީ އޮޅުންފިލުވައިދެމުން އެ އައުޓްކަމްސް ދަރިވަރުންނަށް
ޙާޞިލްވެފައިވޭތޯ ވަކިވަކިން ބަލަންޖެހެ އެވެ. އަދި އެންމެ ދަރިވަރަކަށް ވެސް
ސިލަބަސްގައިވާ ބައި ޙާޞިލް ނުވާނަމަ އަލުން އެ ދަރިވަރަކަށް ކިޔަވައިދީ އެސެސް
ކުރަން ޖެހެ އެވެ. މިއީ ވެސް އިސްލާ މި މާއްދާގައި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
އަދި ގްރޭޑް ހައެއްގެ ދެ ކުލާހަށް ސޯޝަލް ސްޓަޑީޒް ވެސް އަޅުގަނޑު ކިޔަވައިދެމެވެ.
އޭގައިވެސް އެތައް އައުޓްކަމަކާއި އިންޑިކޭޓަރޒް ހިމެނެ އެވެ. ކްއަރޓަރ އެއްގަ
ކިޔަވައިދިނުމަށް މި އޮންނަނީ ގާތްގަނޑަކަށް ފަސްދޮޅަސް ނުވަ ދުވަހެވެ. ސެމިސްޓަރ
އެއްގަ ސަތޭކަ ތިރީސް އަށް ދުވަހެވެ. އަދި އަހަރަކު ދުއިސައްތަ ހަތްދިހަ ހަ ދުވަސް
ކިޔަވައިދިނުމަށް އޮވެ އެވެ. ނަމަވެސް ގޮންޖެހުމަކީ އިންޑިކޭޓަރޒް އަދި
އައުޓްކަމްސް ތައް އަހަރުގެ ހުރިހާ ދުވަހަކަށް ބަހާލައިގެން އުޅޭ އިރުވެސް ބައެއް
ދަރިވަރުންނަށް އެ ހުރިހާ ބައެއް ކަވަރ ނުވާތީ އެވެ.
އަޅުގަނޑަކީ ވެސް ހަތް ކުލާހަށް ކިޔަވައިދޭ މުދައްރިސަކީމެވެ. ދުވަސް ފަށަނީ
ހަގަޑި ސުންމިނިޓުގައި ކަސްރަތު ޕްރޮގްރާމުންނެވެ. ކަސްރަތު ޕްރޮގްރާމް ނިމޭނީ
ހަގަޑި ފަންސާހުގަ އެވެ. އެއަށްފަހު ގެއަށް ގޮސް ފެންވަރާ ސައިބޮއެ ހެދުމަށް ފަހު
ސްކޫލުގެ ރަސްމީ ކިޔަވަދިނުމަށް ދަމެވެ. ރަސްމީ ކިޔަވައިދިނުމަށް ސައިން އިން
ވާންޖެހޭ ގަޑިއަކީ ހަތްގަޑި ސާޅީސްފަހެއްގެ ކުރި އެވެ. އެއަށްފަހު އަށްގަޑި ސުންމިނިޓުން
އަށްގަޑި ވިހި ވަންދެން ކުރިއަށްދާނީ ނާސްތާ ޕްރޮގްރާމެވެ. އެއަށްފަހު ރަސްމީ
ކިޔަވައިދިނުން ކުރިއަށްދާން ފަށާނެ އެވެ. މިގޮތުން ދިހަގަޑި ފަހަކާ ހަމައަށް
ތިންގަޑި އިންނާނެ އެވެ. އާދީއްތަ ދުވަހު ފިޔަވާ އެހެން ކޮންމެ ދުވަހަކު ހުސްވާނީ
މި ދެންނެވި ވަގުތު އެންމެ ގަޑިއެކެވެ. އެއަށްފަހު އަނެއްކާ ދިހަގަޑި ފަނަރައިގާ
ކިޔެވުން ފެށޭނެ އެވެ. ބާރަ ޖެހުމާ ހަމައަށް ތިންގަޑި މި ދޭތެރޭ ވެސް ކިޔަވައިދެވެ
އެވެ. މިވަގުތު ވެސް ހޯމަ، އަންގާރަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ދެ ގަޑި
ކިޔަވައިދޭންޖެހެ އެވެ. ހޯމަ ދުވަހު ދިހަގަޑި ފަނަރައިން ބާރަގަޑި ސުންމިނިޓަށް
ފުލްކޮށް ކިޔަވައިދޭން ޖެހެ އެވެ. އެއަށް ފަހު ބާރަގަޑި ސުންމިނިޓުން އެއްގަޑި
ސުންމިނިޓަށް އެއްގަޑިއިރުގެ ލަންޗް ބްރޭކެއް ލިބެ އެވެ. މި ލިބޭ އެއްގަޑިއިރުގެ
ތެރޭގައި ނަމާދުކޮށް ކައި ނިންމާލެވެނީ ކިރިޔާ އެވެ. އެއަށްފަހު އަނެއްކާ ވެސް
އެކެއް ޖަހާއިރު ސްކޫލަށް ދަނީ އެވެ. އާދީއްތަ އަދި އަންގާރަ ދުވަހު އެއްގަޑި
ސުންމިޓުން އެއްގަޑި ތިރީސް ފަހަކަށް ގަޑިއެއް ނަގަން ޖެހޭނެ އެވެ. ށ.އަތޮޅު
މަދަރުސާގެ ރަސްމީގަޑި ނިމެނީ ދެގަޑި ދިހައެއްގަ އެވެ. ވީމާ، ދެން ބާކީ އެ އޮންނަ
ތިރީސް ފަސްމިނިޓްގެ ތެރޭގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅަށް ތައްޔާރުވުމާއި،
ވަރކްޝީޓް ތައްޔާރުކުރުމާއި، ފިލާވަޅުގައި ބޭނުންކުރާނެ އެހީ ތައްޔާރުކުރުމާއި،
އެސެސްމަންޓް ތައްޔާރުކުރުމާއި، އެސެސްމަންޓް މާކް ކުރުމާއި، ދަރިވަރުންގެ
ފޮތްތައް ބެލުމާއި އަދި ވެސް އޮތިއްޔާ އޮތްކަމެއް މި ވަގުތުގެ ތެރޭގައި ކުރަންޖެހެ
އެވެ. ވީމާ، މި ދެންނެވި ކަންކަން ކުރުމަށް މިހާރަށް ވުރެ ގިނަ ވަގުތު ބޭނުންވެ
އެވެ. މި މަސައްކަތަށް ވަގުތު އިތުރު ކުރުމަށް މިހާރަށްވުރެ ކިޔަވައިދޭ މާއްދާ
މަދުކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެހެންނޫންނަމަ އެންމެ
އެކަށީގެންވާގޮތުގައި ހުރިހާ ކަމެއް ނުކުރެވުމަކީ މަންހަޖު ތަންފީޒުކުރުމުގައި
އިސްލާމް މި މާއްދާއަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
3- ކަރިކިއުލަމް:
ދިވެހިރާއްޖެއަކީ ވެސް ކިޔަވައިދިނުމުގައި ރަނގަޅު ތާރީޚެއް އޮތް ޤައުމެކެވެ.
ކޮންމެ ޒަމާނެއްގައި ވެސް އެ ޒަމާނަކާ އެކަށީގެންވާ ގޮތަށް ކަރިކިއުލަމެއް ނުވަތަ
ކިޔަވައިދޭނެ ބައިތަކެއް ވަނީ ކަނޑައެޅިފަ އެވެ. ސޯޅަސަތޭކަ ހަތްދިހަ ހަ
(1676)ވަނަ އަހަރުއްސުރެ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި އެސެސްކުރެވެން ފެށި
އެވެ. ވީމާ، މިއަށްވުރެ ކުރިން ވެސް ދިވެހިރާއްޖޭގައި ވަނީ ތަޢުލީމު ފެށިފަ
އެވެ. ތަޢުލީމީ ނިޒާމު ކުރިއަރަމުން
އައިސް ނަވާރަސަތޭކަ ފަންސާސް (1950)ވަނަ އަހަރު ވަނީ ދިވެހިރާއްޖޭގައި ސަނަދު
ދޭން ފަށައިފަ އެވެ. އަދި ދިވެހިރާއްޖޭގެ ކަރިކިއުލަމް އިތުރަށް ފުރިހަމަވެ
ނަވާރަސަތޭކަ ފަސްދޮޅަސް ތިނެއް (1963) ވަނަ އަހަރު ބޭރުގެ އިމްތިހާނު ތަކުގައި
ދިވެހިރާއްޖޭން ވަނީ ބައިވެރިވާން ފަށައިފަ އެވެ. އަދި ނަވާރަސަތޭކަ ފަސްދޮޅަސް
ހަތެއް (1967)ގައި ވަނީ ޖީސީއީ އޯލެވެލް އިމްތިހާން ދިވެހިރާއްޖޭގައި ހަދަން
ފަށާފަ އެވެ. އަދި މި އިމްތިހާނާ ގުޅިގެން ފާސްނުވާ ދަރިވަރުން ވަކިކުރުމަށް ޕޮލިސީއެއް
އެކުލަވާ ލެވުނެވެ. މިއީ ނަވާރަސަތޭކަ ފަސްދޮޅަސް އަށެއް (1968) ގަ އެވެ. އަދި
ނަވާރަސަތޭކަ އަށްޑިހަ (1980) ގައި ޖޭއެސްސީ އިމްތިހާނު މާލޭގައި ބާއްވަން
ފެށުނެވެ. މިދުވަސްވަރު ދިޔައީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ޒަމާނީ ތަޢުލީމުގެ
އޮނިގަނޑަށް ބަދަލުވަމުންނެވެ. ކަރިކިއުލަމް ޒަމާނާއެއްގޮތަށް ބަދަލުކުރަމުންނެވެ.
ދެހާސް ދޭއް (2002)ވަނަ އަހަރު ކަރިކިއުލަމް ވަނީ ޒަމާނާ އެއްގޮތް ކުރެވިފަ އެވެ. ޝެހެނާޒް އާދަމް (2004) ހާމަކުރާގޮތުގައި ދެހާސް ދޭއްގައި
ވަނީ ދިވެހިރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުގެ ތެރެއިން ބައެއް ސްކޫލް ތަކުގައި
ކަރިކިއުލަމް ޔުނިޓްގެ ފަރާތުން ވަނީ އެސެސްކުރާނެ ގޮތް ކަނޑައަޅާ ޕައިލެޓްކުރަން
ފަށާފަ އެވެ. އަދި ހަމަ އެ އަހަރު ވަނީ އެ ގޮތަކީ ރަނގަޅު ގޮތެއްކަމަށް
ދަރިވަރުންނަށާއި މުދައްރިސުންނަށް ޤަބޫލުކުރެވިފަ އެވެ.
އަބަދުވެސް ކަރިކިއުލަމަކީ އޭރަކާ އެއްގޮތަށް އަދި އެ ބައެއްގެ ދިރިއުޅުމާ
އެއްގޮތަށް ބަދަލުކުރަމުން އަންނަ އެއްޗެކެވެ. ނަތީޖާ އަކީ މިއަދާ ހަމައަށް ވެސް
މަންހަޖު ނުވަތަ ކަރިކިއުލަމް ބަދަލުވަމުން އައުމެވެ. ވަރަށް ގިނަ ގޮންޖެހުންތައް
އަންނަނީ ކުރިމަތިވަމުންނެވެ. މިގޮތުން ދެހާސް ފަނަރަ (2015)ވަނަ އަހަރަކީ
އަނެއްކާ ވެސް ފާހަގަ ކޮށްލެވޭފަދަ ބަދަލެއް ކަރިކިއުލަމަށް ގެނެވުނު އަހަރެކެވެ.
ކިޔަވައިދޭ މާއްދާ ތަކަށް ވެސް ބަދަލު ގެނެވުނެވެ. އަދި އެސެސްކުރާ ގޮތަށް ވެސް
ބަދަލު ގެނެވުނެވެ. އޭގެ ފަހުން މިއަދާ ހަމައަށް މިވީ ހަތަރު (4)އަހަރެވެ.
ނަމަވެސް އަދިވެސް މި ކަރިކިއުލަމްގައި ވާގޮތް، ވާންވީގޮތް ތަޢުލީމީ ދާއިރާގެ ގިނަ
މީހުންނަށް މިއުޅެނީ އޮޅުން ނުފިލައިގެންނެވެ. މިފަހަރު ގެނެވުނު ބަދަލުތަކުގެ
ތެރޭގައި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ކިޔަވާ މާއްދާތައް އިތުރުވެގެން ދިޔަ
އެވެ. ކުރީގައި ސެކަންޑަރީކުދިން ކިޔަވާ ގިނަ މާއްދާތައް ކީ ސްޓޭޖް އެކެއްގެ
ދަރިވަރުން ވެސް ދަނީ ކިޔަވަމުންނެވެ. އަދި އެސެސްކުރެވޭ ގޮތަށް އައި ބަދަލަކީ
ވެސް ބޮޑު ބަދަލެކެވެ. މިގޮތުން މި މަންހަޖު އެންމެ ފުރަތަމަ ތަންފީޒުކުރަންފެށީ
ކީ ސްޓޭޖް އެކަކަށެވެ. އެއީ ގްރޭޑް އެކެއް، ދޭއް އަދި ތިނަކަށެވެ. ނަމަވެސް
ގޮންޖެހުންތައް ވަރަށް ގިނަ އެވެ. އެސެސްކުރުމަށްފަހު ކުރީގައި ދޭ މާކުހަކީ އަދަދު
ކުރެވޭ، މިންކުރެވޭ ނަމްބަރެކެވެ. ނަމަވެސް އައި ބަދަލާއެކު މިންކުރުން އެއްކޮށް
ނިމުމަކަށް އައެވެ. ގެނެވުނު ބަދަލުގެ ސަބަބުން ނަމްބަރުގެ ބަދަލުގައި ދޭން ޖެހެނީ
އަކުރެކެވެ. ދެ އަކުރެވެ. އެއީ 'އޭ' އެޗީވިންގ، 'އެމް.އޭ' މޯސްޓްލީ އެޗީވިންގ އަދި
'އެފް. އޭ' ފުލީ އެޗީވިންގ މި އެވެ. ދެހާސް ފަނަރަ (2015)ވަނަ އަހަރުގެ ވަކި
ހިސާބަކަށް 'އެން.އޭ' ނޮޓް އެޗީވިންގ އަޅުގަނޑުމެން ދިނީމެވެ. ނަމަވެސް
އެޑިއުކޭޝަން މިނިސްޓްރީން 'އެން.އޭ' ނޮޓް އެޗީވިންގ ނުދިނުމަށް ސްކޫލަށް އެންގި
ކަމަށް ބުނެ އެކަން ނިމުމަކަށް އައެވެ. އެއަށްފަހު މިއަދާ ހަމައަށް ވެސް އެންމެ
ދަށުން ޙާޞިލް ކުރާ ދަރިވަރަށް ވެސް ދެވޭނީ 'އޭ' އެޗީވިންގ އެކެވެ. މާނައަކީ 'ދަނީ
ޙާޞިލް ވަމުން' ނެވެ. އެސެސްކުރާ ދުވަހު ދަރިވަރު ކުލާހަށް ނަޔަސް ލިބޭނީ 'އޭ'
އެޗީވިންގ 'ދަނީ ޙާޞިލް ވަމުން' މި އެވެ. ވުމާއެކު ދަރިވަރުންގެ ކިޔެވުމުގެ
ވައްޓަފާޅިއަށް ހީނުކުރާފަދަ ބޮޑެތި ބަދަލުތަކެއް ވަނީއައިސްފަ އެވެ. ބަރާބަރަށް
ފިލާވަޅު ދަސްކުރާ ދަރިވަރުން ވެސް މިހާރު ދަސްކުރާނެ އެއްޗެއް ނޯވެ އެވެ.
ދަސްކޮށްދޭނެ އެއްޗެއް ބެލެނިވެރިންނަށް ވެސް އޮންނަނީ ނޭނގިފަ އެވެ. ބެލެނިވެރިން
ވެސް ދަނީ މި ޝަކުވާ ކުރަމުންނެވެ. މި ގްރޭޑް ތަކަށް ކިޔަވައިދޭ މުދައްރިސުން ވެސް
ދަނީ މި ޝަކުވާ ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިހާރު
ކަރިކިއުލަމް ތަންފީޒުކުރާގޮތް އެންމެ ރަނގަޅުކަމަށް ފެނި، ގެންދަނީ ތަންފީޒު
ކުރަމުންނެވެ. ނަމަވެސް އަދިވެސް މި ކަރިކިއުލަމް ތަންފީޒުކުރުމުގައި ބައިވަރު
ގޮންޖެހުންތައް އެބަހުއްޓެވެ. ކަރިކިއުލަމާ ބެހޭ ހުރިހާ ވަރކްޝޮޕްތަކަށް
އެޓެންޑްވަނީ ސްކޫލްތަކުގެ އިސްވެރިންނެވެ.
އިސްވެ ބަޔާންކުރެވުނު ގޮންޖެހުންތައް ހައްލުކުރުމަށް ވަރަށް ގިނަ ކަންތައް
ކުރެވިދާނެ އެވެ. މިގޮތުން 'އޭ'، 'އެމް.އޭ' އަދި 'އެފް.އޭ'ގެ ބަދަލުގައި
މިންކުރެވޭ އެއްޗެއް ބޭނުން ކުރުމުން ދަރިވަރުން، މުދައްރިސުން އަދި
ބެލެނިވެރިންނަށް ވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދެ އެވެ. ދަރިވަރު ހުރީ ކިހާ
ހިސާބަކު ކަން އެނގިގެން ދެ އެވެ. އަދި ދަށްވާނަމަ އިތުރަށް ފޮތްކިޔައި މޮޅުވުމަށް
މަސައްކަތް ކުރެ އެވެ. ނަމަވެސް މިހާރު ފޮތްކިޔަސް ނުކިޔަސް މާބޮޑު މައްސަލައެއް
ނޯވެ އެވެ. ވީމާ، ދަރިވަރުންނަކީ ފޮތްކިޔަން އަހުލުވެރި، ޢިލްމީ ޤާބިލް ބަޔަކަށް
ހެދުމަށްޓަކާ މިންކުރެވޭ، ދަރިވަރު ހުރީ ކިހާ ހިސާބަކު ކަން އިނގޭ ގޮތަށް އެސެސް
ކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑު މިހެން
މިދެންނެވީ ސަތާރަ (17) އަހަރު ވަންދެން މެދު ނުކެނޑި ތަޢުލީމީ ދާއިރާގައި
މަސައްކަތްކުރާ މުދައްރިސެއްގެ ހައިޞިއްޔަތުންނެވެ. އަދި ދަރިވަރުންގެ
ބައްޕައެއްގެ ހައިޞިއްޔަތުންނެވެ.
ކަރިކިއުލަމާބެހޭ ވަރކްޝޮޕްތަކަށް ނުވަތަ ބައްދަލުވުންތަކަށް ދާންޖެހޭނީ
ކިޔަވައިދޭން ކުލާސްރޫމަށް ވަންނަ މުދައްރިސުން ކަމަށް އަޅުގަނޑު އަބަދު ވެސް
ޤަބޫލުކުރަމެވެ. ދުވަހަކު ކުލާސްރޫމަށް ނުވަންނަ ފަރާތްތައް ވަރކްޝޮޕްތަކަށް
ނުވަތަ ބައްދަލުވުންތަކަށް ދިއުމުން އެއިން ކުރަންޖެހޭ ޙަޤީޤީ ފައިދާ އޮންނަނީ
ދަރިވަރުންނަށް އަދި ތަޢލީމީ ދާއިރާއަށް ނުފޯރަ އެވެ. ވީމާ، ވަރކްޝޮޕްތަކަށް
ނުވަތަ ބައްދަލުވުންތަކަށް އެޓެންޑްވާ ފަރާތްތަކަކީ ޢަމަލީގޮތުން ކަރިކިއުލަމް
ތަންފީޒުކުރުމަށް ކުލާސްރޫމަށް ވަންނަ ފަރާތްތަކަށް ވުން ކޮންމެހެން ބޭނުން
ކަމުގައި އަޅުގަނޑު ދެކެމެވެ. މިގޮތަށް މިކަން ބަދަލުވެއްޖެނަމަ ކަރިކިއުލަމް
ތަންފީޒުކުރުމަށް މިހާރަށްވުރެ ލުއިވެ ފަސޭހަވާނެ އެވެ.
4- ޓީޗަރުންނަށް ދޭ ތަމްރީނު
މިހާރު ތަންފީޒު ކުރަމުން މިދާ ކަރިކިއުލަމަށް މުދައްރިސުން އަހުލުވެރިކޮށް
ތަމްރީނުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ވަރކްޝޮޕްތައް ރާއްޖޭގެ އެކި
ހިސާބުގައި ހިންގި އެވެ. އެކިއެކި ބައްދަލުވުންތައް ވެސް ބޭއްވި އެވެ. ނަމަވެސް މި
ވަރކްޝޮޕްތަކާއި ބައްދަލުވުންތަކަށް ގިނަފަހަރު ޙާޟިރުވަނީ ސްކޫލް ތަކުގެ
އިސްވެރިންނެވެ. އިސް ވެރިންނަކީ ކުލާސްރޫމަށް ވަދެ ކިޔަވައިދޭ ބައެއް ނޫނެވެ.
ވީމާ، ބައްދަލުވުންތަކުގެ ފައިދާ އެންމެ އެކަށީގެންވާގޮތުގައި ލިބެންވާ
ފަރާތްތަކަށް ވަނީ ނުލިބި އެވެ. އަދި ބައެއް ފަހަރު ބައްދަލުވުމަށް ދުރުވާ ފަރާތް
ނިމިގެން ރަށަށް އައިސް މަޢުލޫމާތު އޭގެ އެންމެ އެދެވޭ ގޮތުގައި މުދައްރިސުންނަށް
ފޯރުކޮށް ނުދީވެސް އެބަހުރެ އެވެ. ވީމާ، ކަރިކިއުލަމަށް މުދައްރިސުން
އަހުލުވެރިނުވަނީ އެވެ.
މަތީގައި މިދެންނެވި ކަންކަން ރަނގަޅުކުރުމަށް އެފަދަ ވަރކްޝޮޕްތަކާއި
ބައްދަލުވުންތަކަށް ފޮނުވަންވީ ކުލާސްރޫމްތަކަށް ވަންނަ ކިޔަވައިދޭ
މުދައްރިސުންނެވެ. މުދައްރިސުން އެ ބައްދަލުވުންތަކަށް ފޮނުވާ ނަމަ ދިމާވާ
ގޮންޖެހުންތައް ހިއްސާކުރާނެ އެވެ. އަދި ތަންފީޒުކުރަން ދަތި އުނދަގޫ ކަންކަން
ފާހަގަކޮށް ފުޅާދާއިރާއެއްގައި ވާހަކަ ދައްކާނެ އެވެ. އަދި މަޢުލޫމާތު އޭގެ އެންމެ
އެކަށީގެންވާގޮތުގައި ލިބިގެން ދާނެ އެވެ. ވުމާއެކު ލިބުނު މަޢުލޫމާތު
ދަރިވަރުންނަށް ފޯރުކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.
އޭ.އެފް.އެލް ނަމުގައި 2018 ވަނަ އަހަރު ހިންގި އޮންލައިން ކޯހަކީ ވެސް
ކޮންމެވެސް ވަރެއްގެ ފައިދާ އެއް މުދައްރިސުންނަށް ކުރުވި ކޯހެކެވެ. ނަމަވެސް މި
ކޯސް ވެސް ގިނަ ސްކޫލްތަކުން އެންމެ ފަހުވަގުތާ ހަމައަށް ވަނީ ދަންމާލާފަ އެވެ.
ނަތީޖާއަކީ މުދައްރިސުން އަހަރުގެ ކިޔެވުން ނިންމާފަ ޗުއްޓީއަށް ދިއުމަށް އޮތް
ހަފްތާ އެ ކޯސް ފުރިހަމަކުރަން ޖެހުމެވެ. ހުރިހާ ޓީޗަރުން ވެސް ޝައުޤުވެރިކަމުގެ
ބަދަލުގައި ވީ ފޫއްސެވެ. އެ ކޯސް ނުނިންމާ ނަމަ ޗުއްޓީއަށް ނުދެވޭނެ ކަމުގެ
އިންޒާރު މުދައްރިސުންނަށް ދިނެވެ. ނަތީޖާއަކީ ކޯސް ނިންމީމޭ ބުނުމަށް އެއްޗަކަށް
އެއްޗެއް ހަދާލީ އެވެ. ކަމެއް ކުރުވަން ބޭނުން ނަމަ އެ ކުރުވާ ފަރާތް ރުއްސުމަކީ
ވަރަށް މުހިއްމު ކަމެކެވެ. ދުރާލާ ރާވައިގެން މުދައްރިސުންނަށް ލުއި ގޮތަކަށް ކޯސް
ހިންގުނު ނަމަ މުދައްރިސުންނަށް މިހާރުގެ ކަރިކިއުލަމާ ބެހޭގޮތުން ލިބުނު
މަޢުލޫމާތު މުއްސަނދި ވާނެ އެވެ. އަދި ސްކޫލްތަކަށް ވެސް އޭގެ ފައިދާ ކުރާނެ އެވެ.
ވީމާ، މިހާރުގެ ކަރިކިއުލަމް ތަންފީޒުކުރުމަށް އެކަށީގެންވާ ގޮތުގައި
މުދައްރިސުންނަށް މަޢުލޫމާތު ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. ލިންޑާ
ޑާލިންގ ހެމަރޑް (2000) ވެސް މިކަމަށް ބާރުދެ އެވެ. އޭނާ ހާމަކުރައްވާ ގޮތުގައި
ޓީޗަރުންނަށް އަބަދުވެސް ތާޒާ މަޢުލޫމާތު ލިބެންޖެހެ އެވެ.
5- އެހެނިހެން:
އަޚްލާޤީ މައްސަލަ އަކީ މިހާރު ތަންފީޒުކުރަމުން މިދާ މަންހަޖުގެ
ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އިސްލާމް
މި މާއްދާ ކިޔަވައިދޭ މުދައްރިސެއްގެ ހައިޞިއްޔަތުން ބުނެލަން ޖެހެނީ ދަރިވަރުންގެ
އަޚްލާޤީ ފެންވަރު ދަށް ވާހަކަ އެވެ. ބަންގި ގޮވުމުން ދަރިވަރު ނަމާދަށް ނުދާ
ވާހަކަ އެވެ. ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރާ ވާހަކަ އެވެ. މުދައްރިސުންނަށް
އިޙްތިރާމް ނުކުރާ ވާހަކަ އެވެ. މައިން ބަފައިންގެ ބަސް ނާހާ ވާހަކަ އެވެ. މިފަދަ
ހުރިހާ ކަމަކީ މިއަދުގެ މުޖުތަމަޢުން ފެންނަމުންދާ ޙަޤީޤަތެވެ. ނާސިރު (2015) އޭނާގެ އަމިއްލަ ބްލޮގްގައި ވެސް ދަރިވަރުންގެ
ވިސްނުން ތަރައްޤީ ވުމުގައި ގޮންޖެހުންތައް ހުރި ކަމަށް ބަޔާންކުރައްވާފައި ވެ
އެވެ. ދަރިވަރުންގެ ވިސްނުން ރަނގަޅަށް ތަރައްޤީ ވާނަމަ އިސްވެ ބަޔާންކުރެވުނު
ކަންތައް ދަރިވަރުންގެ ކިބައިން ފެންނާނެ އެވެ.
މުސާރައަކީ މުދައްރިސުންނަށް ދެވޭ އުޖޫރައަކީ ވެސް މިފަދަ ދިރާސާއެއްގައި އަލިއަޅުވާލަން
ޖެހޭ ނުކުތާއެކެވެ. މުދައްރިސުން ރެޔާ ދުވާލު ސައުވީސް ގަޑިއިރު ކިޔަވައިދިނުމުގެ
ބުރަ މަސައްކަތުގައި ދުވަސް ހޭދަކުރެ އެވެ. ށ.އަތޮޅު މަދަރުސާގައި ހެނދުނު 6:00ން
ފެށިގެން 14:10އާ ހަމައަށް ހުރިހާ މުދައްރިސުން މަސައްކަތް ކުރައްވާނެ އެވެ.
ބައެއް މުދައްރިސުން 15:00އާ ހަމައަށެވެ. އަނެއްބައި މުދައްރިސުން 16:00އާ
ހަމައަށް މަސައްކަތް ކުރައްވަ އެވެ. އަދި އިތުރު ޙަރަކާތެއް ކުރިއަށްދާނަމަ 6ން
6އަށް މަސައްކަތް ކުރަންޖެހޭ ދުވަސް އާދެ އެވެ. އަދި ބައެއް ފަހަރު ހެނދުނު 6ން
ރޭގަނޑު 23:30އާ ހަމައަށް މަސައްކަތްކުރަން ޖެހޭ އިރު ވެސް އާދެ އެވެ. ނަމަވެސް
މުސާރަ ލިބޭއިރު އިތުރުގަޑީގެ ފައިސާ އެންމެ އެކަށީގެންވާގޮތުގައި ނުލިބުމަކީ
ވަރަށް ބޮޑު ގޮންޖެހުމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ސަރުކާރުގެ
މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ އިތުރު ގަޑީގެ ފައިސާ
ދޭންޖެހޭނެ އެވެ. ނަމަވެސް މިކަމެއް ނުވެ އެވެ. އަދި ޤާނޫނު އަސާސީއާ
ފުށުއަރާގޮތަށް އެއްވެސް ޤަވައިދެއް ނުހެދޭނެކަމަށް ވެސް ޤާނޫނު އަސާސީގައި ވަނީ
ބަޔާންކޮށްފަ އެވެ. ނަމަވެސް ސިވިލްސަރވިސް ކޮމިޝަނުން އެކުލަވާލި ޤަވައިދުގެ
ދަށުން މުދައްރިސުންނަށް ލިބެނީ 100ޕަސެންޓުން 5ޕަސެންޓެވެ. އެހެނިހެން
މުއައްސަސާތަކުން 100ޕަސަންޓް ލިބެ އެވެ. މިއީ ކަރިކިއުލަމް ތަންފީޒުކުރުމަށް އޮތް
ވަރަށް ބޮޑު ގޮންޖެހުމެކެވެ. 2013ގެ ރިޔާސީ އިންތިހާބަށްފަހު އޭރުގެ ނައިބުރައީސް
ޑރ.ޖަމީލް ވަނީ މުދައްރިސުންގެ އިތުރުގަޑީގެ ފައިސާ 5ޕަސެންޓުން 10ޕަސެންޓަށް
ބޮޑުކުރައްވާފަ އެވެ. ނަމަވެސް އަދިވެސް ބާކީ 90 ޕަސެންޓް އެވަނީ ހިފަހައްޓާފަ
އެވެ. ވީމާ، އަދިވެސް މުދައްރިސުން ތިބީ ހިތާމައިގަ އެވެ. ކަރިކިއުލަމް
ތަންފީޒްކުރަން މިއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ނިންމުން:
މި ދިރާސީ މަޒްމޫނުގައި އަލިއަޅުވާލައިފާވާ 5 ޕޮއިންޓަށް
ބަލާއިރު މިއީ މިހާރުގެ ކަރިކިއުލަމް ތަންފީޒްކުރުމަށް ދިމާވާ އެންމެ އަސާސީ
5ޕޮއިންޓެވެ. މި ގޮންޖެހުންތައް ނައްތާލުމަށް ނުވަތަ ހައްލުކުރުމަށް ބޭނުންވަނީ
ސްކޫލްތަކުގެ އިންޓަރނެޓްގެ ފެންވަރު ރަނގަޅުކުރުމެވެ. މިކަން ރަނގަޅު
ކުރެވިއްޖެނަމަ ކިޔަވައިދިނުމަށް ބޭނުންކުރާނެ އެހީ ވަރަށް ފަސޭހައިން
މުދައްރިސުންނަށް ލިބުނީ އެވެ.
ވަގުތުގެ މައްސަލަ ޙައްލުކުރުމަށް މިހާރަށްވުރެ
މުދައްރިސުން ކިޔަވައިދޭންޖެހޭ ގަޑީގެ ޢަދަދު މަދުކުރެވިދާނެ އެވެ. މިހާރު
ކުލާސްރޫމުން ނުކުމެ ލިބޭ ވަގުތުކޮޅު ކުޑަވުމުން ބޭނުންވާ ހުރިހާ ތަކެތި ތައްޔާރު
ނުކުރެވެ އެވެ. ވީމާ، މުދައްރިސުންގެ ވަރކްލޯޑް ދަށްކުރުމަކީ ކަރިކިއުލަމް އަށް
ދިމާވެފައިވާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ޙައްލެކެވެ.
ކަރިކިއުލަމްގައިވާ މައްސަލަތަކަށް ބަލާއިރު ދަރިވަރުން
ފޮތްކިޔައިގެން އެސެސްމަންޓް ހަދާ އުޞޫލެއް ޤާއިމްކުރުން މުޙިއްމެވެ. އަދި
މިންކުރެވޭ އެއްޗެއްކަމުގައި އެސެސްމަންޓްވުން ވެސް ވަރަށް މުހިއްމެވެ.
ކިޔަވައިދީ ކަރިކިއުލަމް ތަންފީޒްކުރާ ބަޔަކީ
މުދައްރިސުންނެވެ. ވީމާ، ކަރިކިއުލަމާ ބެހޭ ވަރކްޝޮޕްތަކާއި ބައްދަލުވުންތަކަށް
މުދައްރިސުން ގެންދިއުމަކީ މިހާރުހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ވަރަށް
މުހިއްމުކަމެކެވެ. ސްކޫލްތަކުގެ އިސްވެރިން ބައިވެރިކުރި ނަމަވެސް މުދައްރިސުން
އެފަދަ ބައްދަލުވުންތަކުގައި ތިބުމަކީ ލާޒިމް ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
އަޚްލާޤީ މައްސަލަތަކަކީ ވެސް ކަރިކިއުލަމްގެ ތެރެއިން
ރަނގަޅުކުރެވޭނެ ކަމެކެވެ. ޤުރުއާން މާއްދާއަކީ ނަމަކަށް ކިޔަވައިދޭ މާއްދާއެކެވެ.
އަބަދު ވެސް ވަގުތީ މުދައްރިސުން ލައިގެން ކިޔަވައިދޭ މާއްދާއެކެވެ. މީގެ
ބަދަލުގައި ޤުރުއާނުގެ ޢިލްމް ޙާޞިލްކޮށްގެން ތިއްބެވި ޤާބިލް މުދައްރިސުން
ރާއްޖެއަށް ގެނެވެން އެބަޖެހެ އެވެ. އަދި ނަމާދު ކުރެވޭނެ އިންތިޒާމް
ސްކޫލްތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވެން އެބަ ޖެހެ އެވެ. މިގޮތަށް ކަންކަން
ފަހިވެއްޖެނަމަ ކަރިކިއުލަމް ތަންފީޒްކުރުމަށް ފަހިވާނެ އެވެ.
މުސާރައަކީ ވެސް މުހިއްމު އެއްޗެކެވެ. ކޮންމެ މުދައްރިސަކީ
ވެސް އާއިލާއެއް ގޮވައިގެން އުޅޭ މުދައްރިސެކެވެ. ވީމާ، އޭނާގެ އާއިލާ
ބެލެހެއްޓޭވަރުގެ އުޖޫރައެއް ލިބުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. އަދި
މުދައްރިސްގެ އާއިލާއާ ވަކިން ގިނަވަގުތުތައް ހޭދަކުރާއިރު މާލީ ތަނަވަސްކަން
އިތުރުނުވާނަމަ އެއީ ގޮންޖެހުމަކަށް ވާނެ އެވެ. ވީމާ، އިތުރުގަޑީގެ ފައިސާގެ
ކަންތައް ހައްލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ރިފަރެންސް
ނާސިރު (2015). އުނގަންނައިދިނުމުގައި
ވިސްނުން ތަރައްޤީކުރުމަށް ހުރި ގޮންޖެހުންތައް. ނެގީ ޖުލައި 31، 2019
ނާޝިދު ސުލައިމާނު (2017). ދަރިވަރުން ދިވެހި
ބަހަށް ޝައުޤުވެރި ކުރުވުމަށް މުދައްރިސުންނަށް ހުރި ގޮންޖެހުންތައް. ނެގީ ޖުލައި
31، 2019
އީވާ މިލްކޮވާ (2008). މަލްޓިމީޑިއާ އެޕްލިކޭޝަންސް
އެންޑް ދެއާ ބެނެފިޓް ފޮރ ޓީޗިންގ އެންޑް ލަރނިންގ އެޓް ޔުނިވަރސިޓީޒް. ނެގީ
ޖުލައި 31، 2019
އަފްޒަލް އަހްމަދު، އެލިސަން ކްލަރކް ޖީވަންސް އަދި
އެޑްރިއަން އޯލްޑްނޯ (2004). ހައު ކޭން ޓީޗިންގ އެއިޑްސް އިމްޕްރޫވް ދަ ކޮލިޓީ
އޮފް މެތެމެޓިކް އެޑިއުކޭޝަން. ނެގީ ޖުލައި 31، 2019
ލިންޑާ ޑާލިންގ ހެމަރޑް (2000). ހައު ޓީޗަރ
އެޑިއުކޭޝަން މެޓަރޒް. ނެގީ ޖުލައި 31، 2019
ޝެހެނާޒް އާދަމް (2004). އެތުނޯމެތެމެޓިކަލް
އައިޑިއާ އިން ދަ ކަރިކިއުލަމް. ނެގީ ޖުލައި 31، 2019
ޖޯނަސް އެލްމްކްވިސްޓް، ޖޭން މެކްބެކް އަދި
މައިކަލް ކްނާސްޓެޓް (2013). ކޮމްޕީޓިންގ ފޮރް އައިޑިއަލް ބޮޑީޒް: އަ ސްޓަޑީ އޮފް
އެގްޒަގޭމްސް ޔޫޒް އޭޒް ޓީޗިންގ އެއިޑްސް އިން ސްކޫލްސް. ނެގީ ޖުލައި 31، 2019
ޗަރލްސް ޑަބްލިއު. ފިޝަރ، ޑޭވިޑް ސީ. ބަރލިނަރ،
ނިކޮލާ އެން. ފިލްބީ، ރިޗަޑް މާލިއެވް، ލިއޮނާޑް އެސް. ކަހެން އަދި މެރިލީން އެން.
ޑިޝޯވ (1981). ޓީޗިންގ ބިހޭވިއަރޒް، އެކަޑަމިކް ލަރނިންގ ޓައިމް، އެންޑް
ސްޓޫޑެންޓް އެޗީވްމަންޓް: އޭން އޯވަ ވިއު. ނެގީ ޖުލައި 31، 2019
ވަރަށް ބަރާބަރު
ReplyDeleteމިފަދަ އަގުހުރި ލިޔުމެއް ހުރިހާ މުދައްރިސުންނަށް ފެންނާނެހެން ޢާންމު ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!
ReplyDelete